ދުބާއީގެ ވިޔަފާރިވެރިއަކަށް ލިބުނު ދައުވަތަކަށް "މާރީތި ދޮން" އަންހެނަކާ ބައްދަލުކުރަން ހޮޓަލެއްގެ ކޮޓަރިއަކަށް ވަނުމުން އަތުގައި ހުރި ފައިސާކޮޅާއި ކޭޝްކާޑްތައް އަތުލައިފިއެވެ.
އޭނާ ބުނީ ކޮޓަރީގައި ޓަކިޖެހުމުން ދޮރު ހުޅުވީ ނައިޖީރިއާގެ ކަޅު އަންހެނެއް ކަމަށެވެ. ބައްދަލުކުރަން ދިއަ "މާރީތި ދޮން" އަންހެން މީހާ ކޮބައިތޯ ސުވާލުކުރުމުން ބުނީ އޭނާވީ ފާޚާނާގައި ކަމަށެވެ.
ނުކުންނަންދެން މަޑުކޮށްލިތަނާ ފާޚާނާއިން ނުކުތް ނައިޖީރިއާގެ ދެ ފިރިހެނަކު އޭނާގެ ގައަށް އަރައިގަނެ އަތުގައި އެވަގުތު ހުރި 14،000 ދިރުހަމާއި ކޭޝްކާޑުތައް އަތުލައިގަތީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. "އެމީހުން ބުނީ ކޭޝްކާޑުތަކުގެ ޕާސްވޯޑް ނުދީފިނަމަ އަހަރެންގެ ދެފައި ބިންދާލާނެކަމަށް. އެހެންވެ އަހަރެން ޕާސްވޯޑްތައްވެސް ދިނިން."
ހަޤީޤަތުގައި ނައިޖީރިއާގެ އަންހެން މީހާ ފޭސްބުކްގައި މިމީހާ އާއި ރައްޓެހިވެގެން އުޅުނީ ދޮން ވަރަށް ރީތި އަންހެނެއްގެ ފޮޓޯ ދައްކައިގެންނެވެ.
މިކަމާއި ގުޅިގެން ފުލުހުން ވަނީ ހޮޓަލުގެ ވެއިޓަރަކާއި ސާފުކުރާ މީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވައިފައެވެ.