ޔޫއޭއީގެ ފިރިހެނަކު ޔޫއޭއީގެ އަންހެނަކާއި ދެއަންބަށް ކައިވެނިކޮށްފިނަމަ ދެ އަނބިންނަށްވެސް ހައުސިންގ އެލަވަންސް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިނިސްޓަރުންގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ ގިނަ އަދަދެއްގެ އަންހެނުންނަށް ކައިވެނި ނުކުރެވި ތިބެންޖެހޭތީ ކުރިމަތިވަމުން އަންނަ އިޖުތިމާޢީ މައްސަލަތަކުން މުޖުތަމައު ސަލާމަތް ކުރުމަށެވެ.
ފުރަތަމަ ބަހުސްކުރެވުނީ ދެވަނަ އަންބަށް އެކަނި ހައުސިންގ އެލަވަންސް ދިނުމަށެވެ. ނަމަވެސް ގިނަ ވަޒީރުން ވިދާޅުވީ އެގޮތަށް ކަންތައްކޮށްފިނަމަ އެކަން ވާނީ ފުރަތަމަ އަނބިމީހާއަށް ކުރެވޭ ބޭއިންސާފަކަށް ކަމަށެވެ.
މިކަމަށް ޚަރަދުކުރާނީ ޔޫއޭއީގެ ރައީސް ހިޒް ހައިނަސް ޚަލީފާ ބިން ޒައިދް ބިން ސުލްޠާން އަލް ނަހްޔާންގެ އަމިއްލަފުޅު ފަންޑަކުންނެވެ.
އެމަނިކުފާނު ވަނީ މިކަމަށް ޚާއްޞަކުރައްވައިގެން ގެދޮރު އެޅުއްވުމުގެ ޚާއްޞަ މަޝްރޫއެއް މިދިއަ އަހަރު ފަށްޓަވައިފައެވެ.