ފިނި މޫސުމުގެ ދުވަސްވަރު ޖެހިބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން، ބޯހިޔާވަހިކަމެއް ނުލިބި މަގުތައް މަތީގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރި ކުރުމަށްޓަކައި، އިނގިރޭސި ވިލާތާއި އަޔަރލޭންޑްގެ މިސްކިތްތަކުން އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެގޮތުން އިނގިރޭސިވިލާތާއި އަޔަރލޭންޑުން އެޤައުމުތަކުގެ މަގުތައްމަތީގައި ދިރިއުޅޭ ގެދޮރުނެތް މީހުންނަށް ބޯހިޔާވަހިކަމުގެ އިތުރުން ކާބޯތަކެތިވެސް ވަނީ ފޯރުކޮށްދީފައެވެ.
ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން އެޤައުމުތަކުގެ މެޓް އޮފީހުން އިއްޔެގެ ވަގުތެއްގައި ވަނީ ރެޑް އެލާރތް ނެރެފައެވެ. ރެޑް އެލާރޓް ނެރުމާއިއެކު، މަގުތައްމަތީގައި ދިރިއުޅޭ މީހުންނާއިމެދު ކަންތައްތައް ވާނެ ގޮތަކާއިމެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
"މޫސުން ވަރަށް ގޯސް ވުމާއިއކު ޓެމްޕެރޭޗަރ ވަރަށް ބޮޑަށް ދަށަށް ގޮސް ވަރަށް ބޮޑަށް ފިނި ގަދަ ވެފަވަނީ. އެހެންކަމުން އެފަދަ (ގެދޮރުނެތް) މީހުން ދާނެ ތަނެކާއިމެދު އަހަރުމެން ކަންބޮޑުވި. އެހެންވެ އަހަރުމެން ހިތައް އެރީ، މިސްކިތްތަކަށޭ އެންމެންވެސް ގެންނާނީ، ގެނެސް އެހީތެރިވާނަމޭ" އުތުރު މެންޗެސްޓާ ސިޓީގައި ހުންނަ މައްކީ މަސްޖިދުގެ ޓްރަސްޓީ އެއް ކަމަށްވާ ރަބްނަވާޒް އަކްބަރު، އަލްޖަޒީރާ އަށް މައުލޫމާތު ދެމުން ބުންޏެވެ.
ކެއިން ބުއިމުގެ އިތުރުން، މިސްކިތުން ފެން ވަރާ ފާޚާނާ ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާދީފައި ވާނޭ ކަމަށް ރަބްނަވާޒް ބުނެފައިވެއެވެ.