ގްރީންއިން ޓީސީ ހިފަހައްޓައިފި
އެސްޓީއޯ މާލޭ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސްއާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން ހަމަހަމަވެގެން ނިމިއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގްރީންއިންނެވެ. ގްރީންއަށް މެޗުގެ ލީޑު ނެގުނީ މެޗުގެ 6 ވަނަ މިނެޓުގައި ޓީސީގެ ޑިފެންޑަރު އަހުމަދު އައިހަމް އަތުން ބައި ކޮޅަށް ވަން ލަނޑަކުންނެވެ. ލީޑު ނެގުމަށް ފަހުގައި ވެސް ގްރީންއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ޓީސީގެ ޑިފެންސަށް ޕްރެސާކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑަކުން ގްރީން ލީޑުގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޓީސީން ވަނީ ކުޅުން ރަނގަޅުކޮށް ގްރީންގެ ގޯލަށް ނުރައްކާކުރަން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 50 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ 76 ވަނަ މިނެޓުގައި ޓީސީގެ އިބްރާހިމް ވަހީދު ލަނޑުން ޓީސީއަށް މެޗުގެ ލީޑު ނަގައިދިނެވެ. ޓީސީ މޮޅުވެގެން މެޗު ނިމެން ދަނިކޮށް ގްރީނަށް ޕޮއިންޓެއް ކަށަވަރުކޮށްދިނީ އަހުމަދު ރިލްވާން (ރިލޭ) ގެ ލަނޑުންނެވެ. ޓީސީގެ ތިން ޑިފެންޑަރުން ކައިރިން ނެއްޓުމަށްފަހު ގްރީންގެ މުހައްމަދު ރިސްވާން (ފުކޭ) ފޮނުވާލި ހަމަލާ ޓީސީގެ ކީޕަރު އިފްރާހު އަރީފު ދިފާއުކުރި ނަމަވެސް ރީބައުންސަށް އައި ބޯޅަ ރިލޭ ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ.
މާލޭ ލީގުގައި ގްރީން ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ވެސް މޮޅުވިޔަ ނުދީ ހިފެހެއްޓީ ފަހު ވަގުތު ކާމިޔާބުކުރި ލަނޑަކުންނެވެ. އެ މެޗު ވެސް ނިމުނީ 2-2 ގެ ނަތީޖާއިންނެވެ. މާލޭ ލީގުގައި ޓީސީ ކުޅުނު ފުރަތަމަ މެޗު ނިމުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން 0-3 ގެ ނަތީޖާއިން ބަލިވެގެންނެވެ.