ބަންގްލަދޭޝް މީހުން އެތެރެކުރުން ކުވައިތުން އަނެއްކާވެސް ހުއްޓާލައިފި އެވެ. ހޯމް މިނިސްޓްރީން ބުނީ މަނާކުރުމަށްފަހު ޚާއްޞަ ޤަވާއިދުތަކެއް ހަދައި އަލުން އެތެރެވުމުގެ ހުއްދަ ދޫކުރަން ފެށުމުންވެސް ބަންގްލަދޭޝްގެ ގިނަބައަކު އެތެރެވަމުން އަންނަނީ ޤަވާއިދާއި ޚިލާފަށް ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ ބަންގްލަދޭޝްގެ ގިނަ ބައަކު ޤަވާއިދާއި ޚިލާފަށް ކުވައިތުގައި ތިބުމުން ޤައުމުގެ ޤައުމީ ސަލާމަތަށް ނުރައްކާތެރިވެފައިވާ ކަމަށެވެ. އެހެންކަމުން މިކަމަށް އޮތް ހަމައެކަނި ހައްލަކީ ބަންގްލަދޭޝްގެ އެއްވެސް މީހަކު ކުވައިތަށް އެތެރެވިއަ ނުދިނުން ކަމަށެވެ.
ރާއްޖެއަށް ބެލި ނަމަވެސް މިމައްސަލަ އޮތީ ހަމަ މިފަދަ ގޮތަކަށެވެ. ޤަވާއިދުން ރާއްޖޭގައި ތިބި ބަންގާޅީންނަށްވުރެ ޤަވާއިދާއި ޚިލާފަށް ތިބި މީހުން ގިނަ ކަމަށް ވަނީ ބެލެވިފައެވެ. ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމަށް ހަދާފައި ހުރި ޤަވާއިދުތަކާއި އެއްގޮތަށް މަސައްކަތްކުރަނީ ކިތައް ބަންގާޅީންކަން ވެސް އަދި މިހައިތަނަށް ސަރުކާރުން ބަލާފައި އޮތްކަން ވެސް އެނގޭކަށް ނެތެވެ.
ނަތީޖާއެއްގެ ގޮތުން ގިނަބައަކު މިހާރުވެސް ބުނަމުން ގެންދަނީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބި ބަންގާޅީންގެ ސަބަބުން ޤައުމީ ސަލާމަތަށް ވަރަށް ބޮޑު ނުރައްކަލަކަށްވެފައިވާ ކަމަށެވެ.