ބަރަހަނާ ފިލްމް ބެލުން ހުއްޓާ ނުލުމުން ދަރިފުޅުގެ އަތްކަނޑައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ބަރަހަނާ ފިލްމް ބެލުން ހުއްޓާ ނުލުމުން ދަރިފުޅުގެ އަތްކަނޑައިފި
ސްމާޓް ފޯން ބޭނުންކޮށްގެން ބަރަހަނާ ފިލްމު ބެލުން ހުއްޓާނުލުމުން 19 އަހަރުގެ ފިރިހެން ދަރިފުޅުގެ އަތްކަނޑާލައިފިއެވެ.

އިންޑިއާގެ ހައިދަރުއާބާދުގެ ޖަލައްޕަލި އަވަށުގައި ދިރިއުޅޭ މުޙައްމަދު ޢަބްދުލްޤައްޔޫމް ޤްރައިޝީ ވަނީ ދަރިފުޅު ޚާލިދު ޤްރައިޝީގެ އަތް ކެނޑުމަށްފަހު އަމިއްލައަށް ގޮސް ފުލުހުންނާއި ހަވާލުވެފައެވެ.

މުޙައްމަދު ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ އެކަންކުރަންޖެހުނީ ތަކުރާރުކޮށް ނަޞޭޙަތާއި އިންޒާރު ދިނުމުން ވެސް ބަރަހަނާ ފިލްމު ބެލުން ހުއްޓާނުލުމުން ކެތް ނުކުރެވިގެން ކަމަށެވެ. "ހަމަގައިމު މިހާރު އޭނާއަށް އެނގޭނެ ތިމަންނަގެ އަތް ނެތުނީ ތިމަންނަ ކުރާ ޙަރާމްކަންތައް ހުއްޓާ ނުލުމުންކަން."

މުޙައްމަދު ބުނީ ދަރިފުޅުގެ އަތް ނެތުމުން ދުނިޔޭގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ކަނޑައެޅިގެން ޙަރާމް ކަމެއް ކުރަމުން ގޮސް ދެން އެއަތުން ކުރާނެ ފާފަތަކުން ދަރިފުޅު އެވަނީ ސަލާމަތްކޮށްފައި ކަމަށެވެ.

މުޙައްމަދު ބުނީ އެދުވަހު މެންދުރު ބަރަހަނާ ފިލްމު ބަލަން އިންދާ ފެނުމުން އެކަން މަނާކުރި ކަމަށެވެ. އަދި އަތްކަނޑާނެ ކަމުގެ އިންޒާރު ދިނުމުން ދެމިގަނެގެން ނުކުމެގެން ދިއައީ ކަމަށެވެ. އެވަރުކުރުމުން ވެސް ހަމަ އެ ދުވަހުގެ ރޭ އަނެއްކާވެސް ބަރަހަނާ ފިލްމު ބަލަން އިންދާ ފެނުމުން އައި ރުޅި ކޮންޓްރޯލް ނުކުރެވުނީ ކަމަށްވެސް މުޙައްމަދު ބުނެފައިވެއެވެ.
މިއަދު އޮންލައިން