ލަންކާގެ ކެންޑީގައި ހިންގި ކާފިއުއަށް ލުއިތަކެއް ދީފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ލަންކާގެ ކެންޑީގައި ހިންގި ކާފިއުއަށް ލުއިތަކެއް ދީފި
ސްރީލަންކާގެ ކެންޑީގައި ދިރިއުޅޭ ބުދިޝްޓުންނާއި މުސްލިމުންނާ ދެމެދު ހިނގަމުން އަންނަ ތަޅާފޮޅުންތަކާއި ހަމަނުޖެހުންތަކާ ގުޅިގެން ކެންޑީގައި ހިންގި ކާފިއުއަށް ދުވާލު ވަގުތުތަކުގައި ލުއިތަކެއް ދީފިއެވެ.

މިދިޔަ ހޯމަ ދުވަހުގައި ކެންޑީގައި އިއުލާންކޮށްފައިވާ 24 ގަޑިއިރު ކާފިއު މިހާރު ވަނީ ދުވާލުގެ ވަގުތުތަކުގައި ހަ ގަޑިއިރަށް މަދުކޮށްފައެވެ. ކެންޑީގައި ކާފިއު އިއުލާންކޮށްފައިވީ ނަމަވެސް ކެންޑީގައި ދިރިއުޅޭ ބުދިޝްޓުން ވަނީ ލަންކާގެ ފުލުހުންނާ ވެސް ކުރިމަތިލައި ހަމަނުޖެހުންތައް ހިންގައިފައެވެ.

ސްރީލަންކާގައި މި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން މިދިޔަ އަންގާރަ ދުވަހު ވަނީ އެ ޤައުމުގައި ދިހަ ދުވަހުގެ މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ސްރީލަންކާގެ ސަރުކާރުން ވަނީ ކެންޑީއަށް އިތުރު ސިފައިން ފޮނުވައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައެވެ. ސްރީލަންކާގައި ހިނގަމުންދާ މި ދީނީ ހަމަނުޖެހުންތަކާ ގުޅިގެން އިއްޔެއިން ފެށިގެން ލަންކާގައި ސޯޝަލް މީޑިއާގެ ހުރިހާ ސައިޓްތަކާއި އެޕްތަކުގެ ޚިދުމަތް ވެސް ތިން ދުވަހަށް މެދުކަނޑާލައިފައެވެ.

ސްރީލަންކާގައި ދިރިއުޅޭ މަދު މުސްލިމުންނާ ދެކޮޅަށް މި ހަމަނުޖެހުންތައް ހިނގަމުން ދަނީ އެ ޤައުމުގެ ހަރުކަށި ބުދިޝްޓު ޖަމާއަތެއްކަމަށްވާ 'ބޮޑު ބަލާ ސެނާ' އިންކަމަށް ސްރީލަންކާގެ މަސްރަހު ގާތުން ދިރާސާކުރަމުންދާ ފަރާތްތަކުން ތުހުމަތުކުރެއެވެ.

ސްރީލަންކާގެ މިހާރު ހިނގަމުންދާ މި ހަމަނުޖެހުންތަކާ ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިން މުހިންމު ހާލަތްތަކުގައި މެނުވީ ގޭގެއިން ބޭރަށް ނުނުކުތުމަށް އެދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އިލްތިމާސްކޮށްފައިވެއެވެ.
މިއަދު އޮންލައިން