ވިކްޓަރީއިން ޓީސީ ބަލިކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
ވިކްޓަރީއިން ޓީސީ ބަލިކޮށްފި

އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުން 1-2 ގެ ނަތީޖާއިން ޓީސީ ބަލިކޮށް ވިކްޓަރީއިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ވިކްޓަރީއިން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު ވިކްޓަރީއަށް ކާމިޔާބުކޮށްފައިވަނީ އެންހަލް ކަރަސްކޯސާ މުނޯޒެވެ. ފުރަތަމަ މިނެޓުގައި ކާމިޔާބުކުރި ލަނޑުން ލިބުނު ހިތްވަރާއެކު ވިކްޓަރީއިން ދިޔައީ ޓީސީގެ ގޯލަށް އިތުރަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 19 ވަނަ މިނެޓުގައި ވިކްޓަރީގެ ޕެޑްރޯ ހެންރިކް ކޯޓެސް ލަނޑެއް ޖަަހައި ވިކްޓަރީއަށް މެޗުގެ ލީޑު ފުޅާކޮށްދިނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއިން ވިކްޓަރީން ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ނަތީޖާ ޓީސީ ކޮޅަށް އަނބުރާލުމަށްޓަކައި އެ ޓީމުން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެ ގޮތުން، ޓީސީއިން ދިޔައީ ފުލުފުލުގައި ވިކްޓަރީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ޓީސީގެ ލައިބީރިއާ ފޯވާޑު ވިލިއަމްސް ޓީސީއަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ.

ވިލިއަމްސްގެ ލަނޑަށް ފަހުގައި ޓީސީއިން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް އިތުރަށް ޓީސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެހެން ނަމަވެސް، ޓީސީއަށް ލިބުނު ގިނަ ފުރުސަތުތައް ވަނީ ބޭނުން ނުހިފި ބޭކާރުވެފައެވެ. މެޗުގެ 89 ވަނަ މިނެޓުގައި ޓީސީގެ ޑިފެންޑަރު އާލާއަށް ކުރި ފައުލަކާ ގުޅިގެން ވިކްޓަރީގެ ޕެޑްރޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅު ތެރޭގައި ވެސް ޓީސީއިން ވަނީ ވިކްޓަރީގެ ގޯލަށް ހަމަލާތަކެއް ފޮނުވައިފައެވެ. އެހެން ނަމަވެސް، މެޗު ނިމުމުގެ ކުރިން ޓީސީއަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މާލޭ ލީގުގައި އިއްޔެ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް ވެލެންސިއާ ބައްދަލުކުރި މެޗު ނިމުނީ 0-2 ގެ ނަތީޖާއިން މާޒިޔާ މޮޅުވެގެންނެވެ. މި މެޗުގައި މާޒިޔާއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާއާއި ޔަސްފާދު ހަބީބެވެ.

މި މެޗުތަކުގެ ނަތީޖާއާއެކު، ވިކްޓަރީ ވަނީ 3 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. ޓީސީ އޮތީ އެންމެ ޕޮއިންޓަކާއެކު ލީގު ތާވަލުގެ ހަތްވަނައިގައެވެ. 4 ޕޮއިންޓާއެކު މާޒިޔާ ހަތަރުވަނައިގައި އޮތްއިރު ވެލެންސިއާ އޮތީ އެންމެ ޕޮއިންޓެއް ލިބިގެން ލީގުގެ އެންމެ ފުލުގައެވެ.
މާލޭ ލީގުގެ މެޗުތައް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުއެވެ.
މިއަދު އޮންލައިން