ކަތުމަންޑޫގެ އިންޓާނޭޝަނަލް އެއާޕޯޓަށް މިއަދު ވެއްޓުނު ބޯޓުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު 49 އަށް އަރައިފިއެވެ.
ބަންގްލަދޭޝް ގެ ޑާކާ އިން ފުރައިގެން ދިޔަ ބޯޓުން ދަތުރުކުރީ މުޅިއަކު 67 މީހުން ކަމަށާއި އޭގެތެރެއިން މިހާތަނަށް 49 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމް ވެފައިވާ ކަމަށް "އެއާލައިވް" އިން ރިޕޯޓު ކޮށްފައިވެއެވެ.
އެބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދިވެސް އެނގިފައި ނުވިނަމަވެސް، އޭގެން ދަތުރުކުރި ބަސަންތާ ބޯހާރާ ނަމަކަށް ކިޔާ މީހަކު ބުނީ، ބޯޓުގައި އެއްވެސް މައްސަލައެއް އުޅޭ ކަމެއް ބަންގްލަދޭޝުން ފުރިިއިރު ފާހަގަވެފައި ނުވާ ކަމަށެވެ. ނަމަވެސް ކަތުމަންޑު އެއާޕޯޓަށް ޖައްސަން އުޅެނިކޮށް ބޯޓު ވަރަށް ބާރަށް ތެޅެން ފެށިކަމަށް ވެސް އޭނާ ބުންޏެވެ.
މިއަދު ހިނގި މިއެކްސިޑެންޓުގެ ސަބަބުން ކަތުމަންޑޫ އެއާޕޯޓުގެ ހުރިހާ ފްލައިޓެއް ވެސް ވަނީ ކެންސަލް ކޮށްފައެވެ.