ދަގަނޑޭގެ ހެޓްރިކާއެކު ނިއުއިން އައިޒޯލް ބަލިކޮށްފި
އޭއެފްސީ ކަޕްގައި ނިއު ރޭޑިއަންޓްގެ ޢަލީ އަޝްފާޤު (ދަގަނޑޭ) ގެ ހެޓްރިކަކާއެކު އެ ޓީމުން އިންޑިއާ ލީގުގެ ޗެމްޕިއަން އައިޒޯލް އެފްސީ ބަލިކޮށްފިއެވެ.
ރާއްޖޭގެ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއުއިން އައިޒޯލް ބަލިކުރީ 1-3 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ނިއުގެ ފަރާތުން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އައިޒޯލްއެވެ. އައިޒޯލްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 33 ވަނަ މިނެޓުގައި ލަލްރަމުންމާވިއާއެވެ. ނިއުއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 40 ވަނަ މިނެޓުގައެވެ. މި ލަނޑު ނިއުގެ ކެޕްޓަން ދަގަނޑޭ ކާމިޔާބުކުރީ އަހުމަދު ޢަބްދުﷲ (ލިލީ) ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ނިއުގެ ފަރާތުން އެޓޭކިން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އައިޒޯލްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ބޮޑަށް ޑިފެންސިވް ކުޅުމެކެވެ. މި މެޗުގައި އައިޒޯލްއަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ 75 ވަނަ މިނެޓުގައި އައިޒޯލްގެ ލާލްރަމުންމާވިއާއަށް ރަތް ކާޑެއް ދެއްކި ހިސާބުންނެވެ. ލާލްރަމުންމާވިއާއަށް މެޗުގެ ރެފްރީ ރަތް ކާޑެއް ދެއްކީ ނިއުގެ ސްޕެއިން ފޯވާޑު ގުއިލެމް މާޓީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. ލާލްރަމުންމާވިއާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިތާ ދެ މިނެޓު ފަހުން ނިއުގެ ދަގަނޑޭ އަލުން ލަނޑެއް ޖަހައި މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނިއުއަށް ހޯދައިދިނެވެ. މި މެޗުގައި ދަގަނޑޭގެ ހެޓްރިކް ފުރިހަަމަކުރީ މެޗުގެ 85 ވަނަ މިނެޓުގައެވެ.
އޭއެފްސީ ކަޕްގައި ރޭ ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރި މެޗުގެ ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުތަކާއެކު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މިހާތަނަށް ކުޅުނީ ތިން މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖޭގެ ނިއުއާއި ބަންގްލަދޭޝްގެ އަބަހާނީ ބައްދަލުކުރިއިރު، މި މެޗު ނިމުނީ 0-1 ގެ ނަތީޖާއިން ނިއު މޮޅުވެގެންނެވެ. އެހެންވުމުން، މިހާތަނަށް ކުޅުނު މެޗުތަކުގެ ނަތީޖާއިން 6 ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ކުރި ލިބެނީ ނިއުއަށެވެ.
އޭއެފްސީ ކަޕްގައި ނިއު ދެން ނުކުންނަން ޖެހޭނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ.