މިނިވަން ޗެމްޕިއަންޝިޕްގެ ޅ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ނައިފަރަށް
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޅ.އަތޮޅު ބުރުގައި ޅ.ހިންނަަވަރުގެ މައްޗަށް އެގްރިގޭޓް ނަތީޖާއިން ޅ.ނައިފަރު ކުރި ހޯދައި، ޅ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ނައިފަރު ހޯދައިފިއެެވެ.
މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ޅ.އަތޮޅުން ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ ނައިފަރާއި ހިންނަވަރެވެ. މިނިވަން ޗެމްޕިއަންޝިޕްގައި އަތޮޅަކުން ދެ ޓީމު ބައިވެރިވުމުން ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ދެ މެޗެވެ.
ނައިފަރު ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 0-3 ގެ ނަތީޖާއިން ނައިފަރު މޮޅުވިއިރު، ހިންނަވަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗު ނިމުނީ 0-1 ގެ ނަތީޖާއިން ހިންނަވަރު މޮޅުވެެގެންނެވެ. އެހެންވުމުން ޅ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ނައިފަރު ހޯދީ ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން 1-3 އުން ހިންނަވަރުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ޅ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ނައިފަރަށް ލިބުމުން ނައިފަރު ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ. ނައިފަރު ހިމެނޭ ތިންވަނަ ޒޯންގައި ހިމެނެނީ ބ.އަތޮޅުގެ ޗެމްޕިއަނުންނާއި ރ.އަތޮޅުގެ ޗެމްޕިއަނުންނެވެ. މިނިވަން ޗެމްޕިއަންޝިޕްގައި މިހާތަނަށް ނައިފަރަށް ޒޯން ބުރަށްވުރެ ދުރަށް ދަތުރުކުރެވިފައެއް ނުވެއެވެ.
މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ބ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ބ.ފެހެންދޫއިން ހޯދާފައިވާއިރު، ރ.އަތޮޅުގެ ޗެމްޕިއަނުން ކަށަވަރުވާނީ މި މަހުގެ 22 ވަނަ ދުވަހު ކުޅޭ ރ.އަތޮޅު ބުރުގެ ފައިނަލް މެޗަށްފަހުގައެވެ. ރ.އަތޮޅުން މުބާރާތުގައި މި ފަހަރު ބައިވެރިވެފައިވަނީ ރ.އަލިފުށި، ރ.މީދޫ، ރ.އުނގޫފާރު، އަދި ރ.އިންނަމާދޫއެވެ.