މިނިވަން ޗެމްޕިއަންޝިޕް ޒޯން 5 ގައި ފުލިދޫ ބަލިކޮށް މީދޫއަށް ބޮޑު މޮޅެއް
މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ބުރުގެ ޒޯން 5 ގައި ދ.މީދޫއިން ވ.ފުލިދޫ ބަލިކޮށްފިއެވެ
ޒޯން 5 ގައި ހިމެނެނީ ވ.އަތޮޅުގެ ޗެމްޕިއަނުން ފުލިދޫއާއި، މ.އަތޮޅުގެ ޗެމްޕިއަނުން މުލިއާއި، ފ.އަތޮޅުގެ ޗެމްޕިއަނުން ނިލަންދޫއާއި، ދ.އަތޮޅުގެ ޗެމްޕިއަނުން މީދޫއެވެ. ޒޯން 5 ގެ ބުރު ކުރިއަށްދާނީ ލީގު ބުރެއް ކުޅުމަށްފަހު، ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލްގައި ވާދަކުރާ ގޮތަށެވެ.
ފ.ނިލަންދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު މީދޫއާއި ފުލިދޫ ބައްދަލުކުރި މެޗު ނިމުނީ 1-5 ގެ ބޮޑު ނަތީޖާއަކުން މީދޫ މޮޅުވެގެންނެވެ. މި މެޗުގައި މީދޫގެ އިބްރާހިމް އާލިމް ތިން ލަނޑު ޖަހައި ހެޓްރިކެއް ފުރިހަމަ ކުރިއިރު، މީދުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިނާޝް އަހުމަދާއި، އަހުމަދު މޫސާއެވެ. މެޗުގައި ފެނިގެންދިޔަ ފުލިދޫގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަހުމަދު ޒަމީރެވެ.
ޒޯން 5 ގައި މިހާތަނަށް ކުޅުނީ ދެ މެޗެވެ. ފުރަތަމަ މެޗުގައި ފ.ނިލަންދޫއާއި މ.މުލި ބައްދަލުކުރިއިރު، އެ މެޗު ނިމުނީ 2-4 ގެ ނަތީޖާއިން ނިލަންދޫ މޮޅުވެގެންނެެވެ.
ޒޯން 5 ގައި އަންނަ ހުކުރު ދުވަހުގެ ހަވީރު ނުކުންނާނީ ފ.ނިލަންދޫއާއި ވ.ފުލިދޫއެވެ.