ކްލަބް އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިލި މުއައްސަސާ ކަޕްގެ އީވެންޓް މެނޭޖްމަންޓް ޕާޓްނަރަކަށް ވަން ޝޮޓް އީވެންޓްސް ހަމަޖައްސައިިފިއެވެ.
ވަން ޝޮޓް އީވެންޓްސްއަށް ވިލި މުއައްސަސާ ކަޕް މުބާރާތުގެ އީވެންޓް މެނޭޖްމަންޓް ޕާޓްނަރުކަން ހަވާލުކުރުމަށް އިއްޔެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ ވަން ޝޮޓް އީވެންޓްސްގެ ފިނޭންސް މެނޭޖަރު ފާރިހު މުހައްމަދު ވަހީދާއި ވިލި މުއައްސަސާ ކަޕް މުބާރާތުގެ ކޮމިޓީ މެންބަރު އަހުމަދު ތާހާއެވެ.
ވަން ޝޮޓް އީވެންޓްސްއަކީ އީވެންޓްތައް އިމްތިޒާމްކުރުުމުގައި ކުރިއަރަމުން އަންނަ ފަރާތެކެވެ. ވަން ޝޮޓް އީވެންޓްސްއިން އިމްތިޒާމްކޮށްފައިވާ އީވެންޓްތަކުގެ ތެރޭގައި މިއުޒިކް ޝޯތަކާއި ވީޑިއޯ ލަވަތައް ތައްޔާރުުކުރުން ހިމެނެއެވެ.
އެހެން ނަމަވެސް، ވަން ޝޮޓް އީވެންޓްސް އަދި މީގެ ކުރިން އެއްވެސް ކުޅިވަރު އީވެންޓެއް އިންތިޒާމްކޮށް މެނޭޖްކޮށްފައެއް ނެތެވެ. ވިލި މުއައްސަސާ ކަޕް ވާނީ ވަން ޝޮޓް އީވެންޓްސް މެނޭޖުކުރާ ފުރަތަމަ ކުޅިވަރު އީވެންޓަށެވެ.
ވިލި މުއައްސަސާ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އަހަރުގެ މުބާރާތް ވީހާވެސް ކުލަގަދަކޮށް ބޭއްވުމަށް މަސައްކަތްކުރާއިރު، މިދިޔަ އަހަރު ވެސް މި މުބާރާތް ވަނީ ކުލަގަދަކަމާއެކު ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ޓީމު ހައުސިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް ގޭސްއިންނެވެ.
މި އަހަރުގެ މުބާރާތުގެ އެންޓަޓެންމަންޓް ޕާޓްނަރަކަށް ބިދަބިން ބޮޑުބެރު ގްރޫޕް ހަމަޖައްސާފައިވާއިރު، ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ.