ޤުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ހެދުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރުގެ ފަހުކޮޅު، ތާއީދު ކުރުމުން ފަލަސްތީނުގެ ގިނަ ރައްޔިތުން އެޤައުމުގައި ހުންނަ ޔޫއެސް އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރިއެވެ.
އެމުޒާހަރާ ހުއްޓުވުމަށް އިޒްރޭލް ފުލުހުންކުރި މަސައްކަތުގެ ތެރޭގައި އޭގެތެރޭގައި ހިމެނޭ ރަޙުމުކުޑަ ޖައްބާރުވަންތަ ފުލުހަކު ވަނީ ފަލަސްތީނުގެ ކުޑަ ކުއްޖަކު ޝަހީދު ކޮށްލާފައެވެ.
އުމުރުން އެންމެ ނުވަ އަހަރުގެ އެކުޑަ ކުއްޖާގެ ގައިމައްޗަށް އަރާ އިނދެ، އޭނާ ޝަހީދު ކޮށްލަން އުޅުން މަންޒަރު ވީޑިއޯ އަކުން ހާމަވާން ހުރިއިރު، އެމެރިކާ އާއި އިޒްރޭލަށް ތާއީދުކުރާ މީޑިއާ އެއް ކަމުގައިވާ "ރޮޖަކްޕޮޓް" އިން މަސައްކަތް ކޮށްފައިވަނީ އެއީ ދޮގު ވީޑިއޯއެއް ކަމަށް ބުނެ މީހުންގެ ލޮލުގައި އަނދުން އެޅުވޭތޯއެވެ.
އިޒްރޭލުގެ އެފުލުސް މީހާ ދެމުން ދިޔަ އަނިޔާތަށް ހާމަވާ ވީޑިއޯ އަކީ ދޮގު ވީޑިއޯ އެއް ކަމަށް ބުނެ އެމީޑިއާއިން ޝާއިއު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ވީޑިއޯ އިން ފެންނަނީ ވެސް ފަލަސްތީނު ކުއްޖެއް ނޫން ކަމަށާއި އެއީ މޮރޮކޯގެ ކުއްޖެއް ކަމުގައެވެ.
ވީޑިއޯ ދޮގު ކޮށްފައިވާއިރު، ވީޑިއޯ އިން ފެންނަ މަންޒަރުތަކުގެ ތަފްސީލެއް އެރިޕޯޓުގައި ލިޔެފައެއް ނުވެއެވެ. ބޮޑު ފިރިހެނަކު ކުޑަ ކުއްޖެއްގެ ގައިމައްޗަށް އަރާ އިނދެ އެކުއްޖާގެ ކަރުގައި ހިފައިގެން އިނީ ކީއްވެކަމާއި އެކަން ރަނގަޅު ކަމަކަށްވަނީ ކިހިނެއްކަމެއް ވެސް ބުނެދީފައެއް ނުވެއެވެ. އެހެންކަމުން އެރިޕޯޓަކީ ހަގީގަތް އޮޅުވާލުމަށް އެމީހުން ލިޔުނު ރިޕޯޓެއް ކަމުގައި ބުނެ ގިނަ ބަޔަކު ވަނީ އެމީޑިއާއަށް ފާޑު ކިޔާފައެވެ.
އިޒްރޭލުގެ އެފުލުސް މީހާ ފަލަސްތީނުގެ އެކުޑަ ކުއްޖާގެ ގައިމައްޗަށް އަރާ އިންނައިރު އޭނާގެ ހަރަކާތްތައް ހުރި ގޮތުންވެސް، އޭނާ އުޅެނީ އެކުޑަ ކުއްޖާ މަރާލަންކަން ވީޑިއޯ އިން ރަނގަޅަށް ހާމަވެއެވެ. އޭނާގެ އަނިޔާވެރި އަތްދަށުން ސަލާމަތް ނުވާނެކަން، އަދި ސަލާމަތް ކުރާނެ މީހަކުވެސް ނުވާނެކަން އެކުއްޖާއަށް ވެސް އެނގޭފަދައެވެ.
އެއީ އެކުއްޖާ ނިޔާވީއިރު ދުލުން ބޭރުވި އެންމެ ފަހު ބަސްތަކަކީ ޝަހާތަދުގެ ދެކަލިމަ ކަމަށްވަތީއެވެ. އަޑާއިއެކު އެމަންޒަރުވެސް ވީޑިއޯ އިން ހާމަވާންހުރެއެވެ. ވީއިރު ބަޔަކު މިކަން ދޮގުކޮށް އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، ހަގީގަތަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ.