ބަލަހައްޓަމުން އައި 9 މަހުގެ ކުއްޖެއްގެ ގައިގާ ތަޅާ މަރައިލި ނޯކަރަކު މަރަން ޙުކުމްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ބަލަހައްޓަމުން އައި 9 މަހުގެ ކުއްޖެއްގެ ގައިގާ ތަޅާ މަރައިލި ނޯކަރަކު މަރަން ޙުކުމްކޮށްފި
ޔޫއޭއީގެ ޝާރުޖާ ސިޓީގެ ގެއެއްގައި 9 މަހުގެ ތުއްތު ކުއްޖަކު ބަލަހައްޓަމުން އައި އިންޑޮނޭސިއާގެ ނޯކަރަކު މަރަން ޝާރުޖާގެ ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ފަނޑިޔާރު ބުނީ ކުއްޖާގެ ބޮލުގައި ލަކުޑިގަނޑަކުން ތެޅުމުން ބޮލުގެ ނާށިގަނޑުގައި ރެނދލާފައިވާ ކަމާއި ކުއްކާ ތަޅުންގަނޑުމައްޗަށް ވައްޓާލައި އަނިޔާކުރިކަން މެޑިކަލް ރިޕޯޓްތަކުން ސާބިތުވާ ކަމަށެވެ.

ކުއްޖާގެ މަންމަ ބުނީ ނޯކަރު އަންހެން މީހާ އާއި ދުވަހަކުވެސް އެއްވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށާއި އެދުވަހު ގެއިން ނުކުތްއިރުވެސް ދަރިފުޅުގެ ހާލު މުޅިން ރަނގަޅު ކަމަށެވެ. ނަމަވެސް ގަޑިއެއްހައިއިރުފަހުން އެނބުރި އައިއިރު ދަރިފުޅަށް ނޭވާ ވެސް ރަނގަޅަށް ނުލެވޭ ކަމަށާއި ބޮލުންނާއި ގައިގެ ބައެއް ތަންތަނުން އަނިޔާކުރިކަމުގެ ފާހަގަތައް ފެންނަން ހުރި ކަމަށެވެ.

"އަހަރެމެން ދަރިފުޅު އަވަސްއަވަހަށް ހޮސްޕިޓަލަށް ގެންދިއައިމަ ޑޮކްޓަރުން ބަލާފަ މައްސަލަތައް ފާހަގަކުރީ. އަހަރެމެން ބޭނުންވަނީ ޤިޞާޞް ހިފަން. އެހެން ގޮތެއް ބޭނުމެއް ނޫން."

އަނިޔާކުރި އަންހެން މީހާ ފުރަތަމަ ކުށަށް އިއުތުރާފްވިއެވެ. ނަމަވެސް ތަޙްޤީޤްގައި ވަނީ އިންކާރުކޮށްފައެވެ. ޔޫއޭއީގެ ޤާނޫނުގައި އޮންނަ ގޮތުން މަތީ ކޯޓަށް ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
މިއަދު އޮންލައިން