ކީރިތި ޤުރްއާނާއިބެހޭ މަރުކަޒާއި ދިރާގު ގުޅިގެން ޏ. ފުވައްމުލަކާއި ލ. ފޮނަދޫ ގައި ޑިޖިޓަލް ކޯސްތަކެއް ހިންގުމަށް، މެގަ އެކްސެސް ނެޓްވޯކް ފޯރުކޮށްދީފިއެވެ.
މިނެޓްވޯކަކީ ދިރާގުން މުޅިން ހިލޭ ފޯރުކޮށްދިން ޚިދުމަތެކެވެ.
މެގަ އެކްސެސް ނެޓްވޯކުގެ ސަބަބުން ޓީޗަރުން މާލޭގައި ތިބެގެން ރަށްރަށުގައި އުޅޭ ދަރިވަރުންނަށް ވީޑިއޯ ކޮންފެރެންސުން ކިޔަވާދެވޭނެއެވެ. މިކަމާއި ގުޅޭ ގޮތުން ދިރާގުން މިއަދު ވަނީ ކީރިތި ޤުރްއާނާއިބެހޭ މަރިކަޒާއިއެކު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ދިރާގުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކީރިތި ޤުރްއާނާއިބެހޭ މަރުކަޒަށް ދޭ ޚިދުމަތެއް ކަމަށެވެ.
"މި ދެ ރަށުގައި ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ރަށުގައި ތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތި މި ޚިދުމަތުގެ ސަބަބުން ހުޅުވިގެންދާނެ. އަދި ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާއިން މާލޭގައި ތިއްބަވައިގެން މުދައްރިސުންނަށް ފިލާވަޅު ނަންގަވައިދެއްވާ، ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުވެސް ވަގުތުން ދެއްވޭނެ" ދިރާގުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މެގަ އެކްސެސް ނެޓްވޯކް ގެ ދަށުން މިފަހަރު ދަރިވަރުންނަށް ތިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އޭގެ ތެރޭގައި، އިމާމް ފައުންޑޭޝަން ކޯހާއި، އިމާމް ޑިގްރީ ކޯސް އަދި ޤުރްއާން މުދައްރިސް ޑިގްރީ ކޯސް ހިމެނެއެވެ.