އިސްލާމީ އުންމަތް ފަނާވެގެން މިދަނީ ދަރިންނަށް އަމިއްލައަށް ކިޔަވައިލަދެވޭނެ ފެންވަރުވެސް ނެތުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އިސްލާމީ އުންމަތް ފަނާވެގެން މިދަނީ ދަރިންނަށް އަމިއްލައަށް ކިޔަވައިލަދެވޭނެ ފެންވަރުވެސް ނެތުމުން!
އިސްލާމީ އުންމަތް ފަނާވެގެން މިދަނީ ދަރިންނަށް އަމިއްލައަށް ކިޔަވައިލަދެވޭނެ ފެންވަރުވެސް ނެތުމުންނެވެ. ތައުލީމު ޙާޞިލުކުރަން ހުޅަނގުގެ ޤައުމުތަކަށާއި އެމެރިކާ އަށް ފޮނުވަން ޖެހުމުންނެވެ.

ހަމައެކަނި ސައުދިއަރަބިޔާއަށް ބެލި ނަމަވެސް އެމެރިކާގައި އެކަނިވެސް މިހާރުވެސް އެޤައުމުގެ 90.000 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. މީގެތެރޭގައި ސަރުކާރުގެ ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނާއި އަމިއްލަ ގޮތުން ކިޔަވާ ދަރިވަރުންވެސް ހިމެނެއެވެ.

2014 ވަނަ އަހަރަށް ބަލައިފިނަމަ 200،000 ސައުދީ ދަރިވަރުން އެމެރިކާގައި ކިޔަވަން ތިއްބެވެ. އެހެންކަމުން މިހާރު ތިބި އަދަދަކީ މަދު އަދަދެކެވެ.

އެމެރިކާއިން ކިޔަވައިގެން އެނބުރި ސައުދިއަރަބިޔާއަށް ގޮސް އުޅޭ އުޅުމުގައި އިސްލާމީ ވަންތަކަން ނުފެނުމަކީ މިހާރު ސައުދިއަރަބިޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ސައުދިއަރަބިޔާއިން އިސްލާމް ދީނުގެ ސިފަތައް އެދަނީ ގެއްލި ހުސްވަމުންނެވެ.

ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ހުށަހެޅުއްވުމަކާއި ގުޅިގެން މީގެ ދެ ދުވަސްކުރިން ސަލްމާން ރަސްގެފާނު ވަނީ ޤައުމުން ބޭރުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް 2000 ޑޮލަރުގެ އެހީއެއް ދައުލަތުން ވެދެއްވަން ނިންމަވައިފައެވެ.

މިޒަމާނަށް ބަލައިފިނަމަ ކަންކަން މިވަނީ މުޅިން ބަދަލުވެފައެވެ. އަމިއްލަ ޤައުމުގައި ތިބެގެން ބޭނުން ކޮންމެ އެއްޗެއް ބޭނުން ކޮންމެ ފެންވަރަކަށް ކިޔަވައިލުމުގެ ފުރުޞަތު މިވަނީ ލިބިފައެވެ. އެހެންކަމަށްވާއިރު ސައުދިއަރަބިޔާފަދަ މުސްލިމް އުންމަތުގެ ބައްޕަގެ ދައުރު އަދާކުރާ ޤައުމުގައި ދަރިންނަށް އަމިއްލަ ޤައުމުގައި ތިބެގެން ކިޔަވައިލަދެވޭނެ ފެންވަރު ނެތުމުގެ އަސަރު މުޅި އުންމަތަށް މިދަނީ ކުރަމުންނެވެ.

ސައުދިއަރަބިޔާއަށް މާތް ﷲ ދެއްވެވި މުއްސަނދިކަމުގެ ފައިދާ ސައުދިއަަރބިޔާއަށް ވެސް އަދި މުޅި އިސްލާމީ އުންމަތަށްވެސް ކުރާނީ އެ ޤައުމަކީ ތައުލީމު ފެތުރުމުގެ އަމިއްލަ ޤާބިލުކަން ލިބިފައިވާ ޤައުމަކަށް ހެދިގެންނެވެ. އެ ޤާބިލުކަން ލިބިގަތުމަށްފަހު ސައުދިއަރަބިޔާއިން ދުނިޔެއަށް ފުރުޞަތު ހުޅުވާލައިފިނަމަ އެކަމުގެ ފައިދާ މުޅި އުންމަތަށް ކުރާނެއެވެ.

އުންމަތުގެ ކުރިއެރުން ބިނާވެފައި އޮތީ ދަރިންނަށް ދެވޭ ތައުލީމާއި ތަރުބިއްޔަތުގެ މައްޗަށެވެ. އެހެންކަމުން އަމިއްލަ ޚަރަދުގައި ވެސް ކިޔަވަން ސައުދިއަރަބިޔާއަށް މުސްލިމް ދަރިވަރުން ދާނެއެވެ. އޮތީ ފުރުޞަތު ހުޅުވައިލުމެވެ.
މިއަދު އޮންލައިން