ވެނެޒުއެލާގެ އުތުރުގައިވާ ސިޓީއެއްކަމަށްވާ ވެލެންސިއާގެ ޕޮލިސް ސްޓޭޝަންގައި ހުންނަ ޖަލެއްގައި އަލިފާން ރޯވެ 68 މީހުން މަރުވެއްޖެއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޖަލުގައި ރޯވެފައިވަނީ ޖަލުގައި ހައްޔަރުކޮށްފައި ތިބި ބައެއް ގައިދީން ޖަލު ފާޅާލާފައި ބޭރަށް ނުކުންނަންވެގެން ޖަލުގައި އޮތް ގޮދަނޑިއެއްގައި ރޯކޮށްލުމުންނެވެ.
އެ ޖަލުގައި އަލިފާން ރޯވި ޚަބަރު ފެތުރުމާއެކު ޖަލު ގާތަށް ގިނަ ބަޔަކު ޖަމާވިކަމަށާއި ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްގެން ޖަމާވި މީހުންތައް ދުރަށް ޖެއްސިކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވާ މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި މަރުވީ ޖަލުގައި ހައްޔަރުކޮށްފައި ތިބި ގައިދީންކަމަށެވެ. އަނެއް ދެ މީހުންނަކީ ޖަލުގައި ރޯވި ވަގުތު ޖަލަށް ޒިޔާރަތްކުރި ދެ މީހުންކަމަށެވެ.