އަސްވީ އަކީ މެދު އުމުރުގެ ޒުވާނެކެވެ. ކައިވެންޏެއް ނުކުރެއެވެ. ނަމަވެސް ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި އަވަށްޓެރި އަންހެނަކު ގެންގުޅެއެވެ.
އަސްވީ އާދައާ ޚިލާފަށް ގިނަގިނައިން ބަލިވާން ފެށުމުން އެއްދުވަހަކު އެކުވެރި ޝިމާންތީ އާއި ދެކެވުނު ވާހަކައެއްގައި ޝިމާންތީއަށް ބުނެވުނީ އަސްވީ ތިހައި ގިނައިން އަވަސް އަވަހަށް ބަލިވަނީ މަންމަގެ ސިހުރުން ކަމަށް ވެދާނެ ކަމަށެވެ.
އެ ވަގުތުން ފެށިގެން އަސްވީ އެކަމަށް ވިސްނަން ފެށިއެވެ. އަދި ޝިމާންތީ އެބުނީ ތެދެއް ކަމަށް ޤަބޫލުކުރެވެން ފެށިއެވެ. އަސްވީ ބޭރުން އައިސް ގެއަށް ވަންނަ ކޮންމެ ފަހަރަކުހެން ފެންނަނީ މަންމަ ތުންތަޅުވަން ހުއްޓައިކަމަށްވުމަކީ އަސްވީއަށް އެކަން ޤަބޫލުކުރެވުނު އެންމެ ބޮޑު ސަބަބެވެ.
އެންމެ ފަހުން އަސްވީ އޭނާގެ މަންމަ ނިދަން އޮއްވައި ތޫނު އެއްޗެއް ހިފައިގެން ގޮސް ކަރު ބުރިކޮށްލިއެވެ. ދާއިމަށް މަންމަގެ ކަންކަން ނިންމައިލިއެވެ. އެއަށްފަހު ސިއްރު ސިއްރުން ގޯތި ތެރޭގައި ވަޅުގަނޑެއް ކޮނެ ވަޅުލައި އެކަން ސިއްރު ކުރިއެވެ.
އަވަށްޓެރިން މަންމަގެ ވާހަކައިން ސުވާލުކުރުމުން ބުނަނީ ދުވަސްކޮޅަކަށް ބޯޕާލުގައި އިންނަ ދައްތަ ކައިރިއަށް ދިއައީ ކަމަށެވެ.
އަސްވީ އަށް އެކަމާއިމެދު ވިސްނަން ފެށުނެވެ. އަދި ކެތް ނުކުރެވިގެން ގޮސް ޝިމާންތީ އާއި ސުވާލުކުރިއެވެ. "އަހަރެން އަބަދު ބަލިވަނީ މަންމަގެ ސިހުރުން ކަމަށް ބުނީމެއް ނޫންހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟"
ޝިމާންތާ ބުނީ އެއްވެސް ހާލެއްގައި އޭނާ މާނަކުރީ ސިހުރު ހެދުމަށް ނޫން ކަމަށެވެ. އަސްވީގެ ދޯދިޔާ ދިއިރުއުޅުމާއިމެދު މަންމަ އަބަދުވެސް ހިތާމަކުރާތީ އެކަމަށް ކަމަށެވެ. ހަޤީޤަތުގައި އަހަރެން ބުނަން ބޭނުންވީ އަސްވީ ބަލިވަނީ އަބަދު މަންމަ ދެރަކުރާތީ މަންމަ ކުރާ ހިތާމައިން ކަމަށް ވެދާނެ ކަމަށެވެ.
އަސްވީއަށް އެވަރުންވެސް ޤަބޫލެއް ނުކުރެވުނެވެ. "އަހަރެންނަށް މަންމަ ފެންނައިރު އަބަދުވެސް ހުންނަނީ ތުންތަޅުވަން. އެއީ ކީއްވެ؟ ކަލެއަށް ރަނަގަޅަށް އެނގޭނެ އެކުރަނީ ކީއްކަން. މަންމަ ހުރިހާ ވާހަކައެއް ކަލެއަށް ކިޔައިދޭނު؟"
ޝިމާންތީ ބުނީ އަސްވީ ގެއިން ނުކުމެއްޖެނަމަ މަންމަ އަބަދުހެން ހުންނަނީ އަސްވީއަށް ދެރަ ގޮތެއް މެދުވެރިނުވެ އަނބުރައި ގެއަށް އާދެވޭތޯ ދުޢާކޮށްކޮށް ކަމަށް މަންމަ ބުނެފައިވާ ކަމަށެވެ.
އަސްވީއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާއަށް ކުރެވުނީ ކުށްހީތަކެއްކަން އެނގުމުންނެވެ. އަދި އޭނާއަށް މަންމަ މަރާލެވިފައިވަނީ އޭނާއަށްޓަކައި ހެޔޮ ދުޢާކުރުންމަތީގައި އަބަދު ހުންނަނިކޮށްކަން އެނގުމުން ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. ނަމަވެސް ދެން ކުރެވޭނެ ކަމެއް ނެތެވެ. ދުނިޔޭގައި މީހަކަށް ކުރެވޭނެ އެންމެ ބޮޑު ފާފަ ވަނީ ކުރެވި ނިމިފައެވެ.
ދެތިން ދުވަސްވަންދެން ވިސްނަން ހުރުމަށްފަހު ކެތް ނުކުރެވިގެން އަމިއްލައަށް ފުލުހުންގެ މަރުކަޒަށް ގޮސް އޭނާއަށް ކަންކަން ކުރެވުނު ގޮތް ކިޔައިދިނެވެ. އަދި އަދަބު ލިބެން ބޭނުންކަމަށް ބުނެ ފުލުހުންގެ އެހީތެރިކަމަށް އެދުނެވެ.
ޖަލުގެ ގޮޅީގައި ހުރިއިރު އަސްވީގެ ހިތަށް އަރަމުންދިއައެވެ. "ޝިމާންތީ އާއި ފަހުން ކުރެވުނު ސުވާލުތައް ކުރިން ކުރެވުނު ނަމައެވެ. ހުރިހާ ގޯހެއް މިހެދުނީ އަހަރެންނަށެވެ. މަންމަ އެހައި ބޮޑަށް ކަންބޮޑު އެވީ ބޭރަށް ދެވޭ ކޮންމެ ފަހަރަކު މަސްތުވެގެން ހުރެ ގެއަށް ދެވޭތީއެވެ. މަންމަ މަރައިލެވުނީވެސް ހަމައިގައި ހުރެއެއް ނޫނެވެ. ނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ. އަހަރެންމެ މައްޗަށް މަރުގެ ޙުކުމް އިއްވި ނަމަވެސް އިސްތިއުނާފަކަށް ވެސް ހުށައެއް ނުއަޅާނަމެވެ. އަހަރެންނަށް މަރުގެ އަދަބު ހަމަ ހައްޤެވެ. އަހަރެންނަށް ކުށް ކުރެވުނީ މަސްތުގެ ހާލުގައި ކަމަކަށްވެސް ކޯޓުގައި ނުބުނާނަމެވެ. މަސްތުވީ ވެސް އަހަރެން އަމިއްލައަށް ނޫންހެއްޔެވެ؟ ވީމާ އަހަރެންގެ މައްޗަށް މަރުގެ އަދަބު ޙައްޤު ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ."