ޖަނަވާރުތައް ކޮށީގައި ބަންދުކޮށްގެން ގެންގުޅޭހެން ޖަލުތަކުގައި "ފުނިފުންޏަށް ފުނިޖަހައިގެން" މީހުން ނުގެންގުޅެ ޖަލުތަކުގައި ޖާގަ ނެތްނަމަ ކުށްވެރިންތައް މިނިވަންކުރަން އިންޑިއާގެ ސްޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ސްޕްރީމް ކޯޓުން ބުނީ އިންޑިއާގައި ހުރި 1300 އަށްވުރެ ގިނަ ޖަލުތަކުވެސް ވަނީ ތޮއްޖެހިފައި ކަމަށާއި ޖަލުތަކުގައި ބެއިތިއްބޭނެ އަދަދަށްވުރެ ގުނަ އިތުރަށް މީހުން ބަންދުކޮށްފައިވާ ކަމަށާއި މިއީ ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށްވެސް ސްޕްރީމް ކޯޓުން ބުނެފައިވެއެވެ.
ސްޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ޖަލުގައި މީހުން ބަންދުކުރަން ޙުކުމް ކުރަނީ އިންސާނުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތައް ލިބިދޭ ގޮތަށް ޖަލުތަކުގައި ބައިތިއްބަން ކަމަށެވެ. އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދައި ހޯދި ޙައްލު ކޯޓަށް އަންގަން ހުރިހާ ސްޓޭޓްތަކެއްގެ ސަރުކާރުތަކަށް ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.