ފަސޭހަކަމާއެކު ދެ ލެގުން ވެސް މާޅެންދޫ ބަލިކޮށް ޒޯން 2 ގެ ޗެމްޕިއަންކަން ފޯކައިދޫއަށް
މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ފަސޭހަކަމާއެކު ދެ ލެގުން ވެސް ނ.މާޅެންދޫ ބަލިކޮށް ޒޯން 2 ގެ ޗެމްޕިއަންކަން ށ.ފޯކައިދޫއިން ހޯދައިފައެވެ.
ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ދެވަނަ ލެގުގެ މެޗުގައި ފޯކައިދޫއިން މާޅެންދޫ ބަލިކުރީ 0-3 ގެ ނަތީޖާއިންނެވެ. މާޅެންދޫ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-7 ގެ ނަތީޖާއިން ފޯކައިދޫ މޮޅުުވެގެންނެވެ. އެހެންވުމުން، ޒޯން ބުރުގެ ޗެމްޕިއަންކަން ފޯކައިދޫއިން ހޯދީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 1-10 ގެ ބޮޑު ތަފާތަކުން މާޅެންދޫގެ މައްޗަށް ކުރިހޯދައިގެންނެވެ.
އިއްޔެގެ މެޗުގައި ފޯކައިދޫގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އިބްރާހިމް ޒަޔާންއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ފޯކައިދޫގެ ދެވަނަ ލަނޑު ހަސަން ނިޝާން ކާމިޔާބުކޮށްދިންއިރު، ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުލް މާޖިދެވެ.
ޒޯން 2 ގެ ޗެމްޕިއަންކަން ފޯކައިދޫއިން ހޯދުމުން ފޯކައިދޫ ވަނީ މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައެވެ. ފޯކައިދޫގެ އިތުރުން ޒޯން ބުރުގެ ޗެމްޕިއަންކަން ކަށަވަރުކޮށްގެން ފައިނަލް ބުރަށް ދަތުރުކޮށްފައިވަނީ، ހއ.މުރައިދޫއާއި ފ.ނިލަންދޫއެވެ. މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ އޮނިގަނޑަށް މި އަހަރު ގެނައި ބަދަލާއެކު، ފައިނަލް ބުރުގައި ޒޯން ބުރުގެ ޗެމްޕިއަނުންގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރު ޓީމު ވެސް ވާދަކުރާނެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރު ޓީމަކީ ށ.މިލަންދޫ، އއ.މާޅޮސް، ދ.ކުޑަހުވަދޫ، އަދި ގދ.ތިނަދޫއެވެ.