އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި ކުޑަ ކުއްޖާ މަރުވީ ކާރު ތެރޭގައި ފަސް ގަޑިއިރު ވަންދެން ތަޅުލެވިފައި އިނުމުގެ ސަބަބުން ނޭވާ ނުލެވިގެންނާއި ކާރުތެރެއަށް ވީ ހޫނުގެ ސަބަބުން ކަމަށެވެ.
އެކުއްޖާ ގެއްލިގެން ފުލުހުންނަށް މައްސަލަ ޖެއްސި ކަމަށާއި، ކުއްޖާ ކާރު ތެރެއިން ފެނުނީވެސް އެކުއްޖާގެ މައިންބަފައިންނާއި ފުލުހުން އެކުއްޖާ ހޯދަމުން ދަނިކޮށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ކަރަން ޕާންޑޭ ނަމަކަށް ކިޔާ އުމުރުން ފަސް އަހަރުގެ އެކުޑަ ކުއްޖާ މިއަދު ފެނިފައިވަނީ ޕޫނޭގެ މަގެއްގައި ޕާކު ކޮށްފައި އޮތް، އެއްވެސް މީހަކު ބޭނުން ނުކުރާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކާރެއްގެ ތެރެއިންނެވެ. ކަރަން ފެނުންއިރު، މާބޮޑަށް ހޫނުވުމުގެ ސަބަބުން އޭނާގެ ގައިގެ ހަންގަނޑު އެކި ތަންތަނުން ފިހިފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ހާމަވެއެވެ.
"ކާރަށް އެކުއްޖާ އެރުމުން ތަޅުލެވިފަވަނީ. އަދި އެކުއްޖާއަށް އަމިއްލައަށް ދޮރު ނުހުޅުވުމުގެ ސަބަބުން އޭނާ އިނީ ކާރު ތެރޭގައި، ގާތްގަނޑަކަށް ހަ ގަޑިއިރު ވަންދެން ތާށިވެފަ. އެއީ ކާކުގެ ކާރެއްކަމެއް އަދި އެނގިފައެއް ނުވޭ. އެކްސިޑެންޓަލް މަރެއްގެ ގޮތުގައި އެކޭސް ފައިލް ކުރެވިފަ ވަނީ. އަދި އިތުރު ތަހުގީގުތައް ވެސް ކުރެވެމުންދަނީ" ފުލުސް އޮފިސަރ ޕްރަތިމާ ނަވާލޭ މީޑިއާ އަށް މައުލޫމާތު ދީފައިވެއެވެ.