ބަންގްލަދޭޝްގައި ބާއްވާ މި އަހަރުގެ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީ މުބާރާތަށް ޤައުމީ ވޮލީ ސްކޮޑް އިއުލާންކޮށްފިއެވެ.
އެ ގޮތުން، އިއުލާންކުރި ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ ތެރެެއިން ޤައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު ޢަބްދުލްކަރީމް (ލޯންގޭ) އެވެ. ވައިސް ކެޕްޓަނަކަށް ހަމަޖެއްސީ ޢަލީ ހުޒާމް (ހުޒާންޓެ) އެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން ޤައުމީ ވޮލީ ސްކޮޑްގައި ދެން ހިމެނޭ ކުޅުންތެރިންނަކީ، ހުސައިން ވިޝާމް (ބިކޭ)، ހަސަން ނިލާމް، އާދަމް ނަސީމް، އަހުމަދު އަނިލް ނަސީރު، ޢަލީ މައުރޫފު (ސަންޑޭ)، މުހައްމަދު މިމްރާހު، އަހުމަދު ޝިމާއު، މުހައްމަދު މިމްރާހު ހަސަން، ޝުއައިބު ޢަބްދުލްލަތީފު، އާދަމް ފައިރޫޒު، މުހައްމަދު ނައީމް، އަދި ޢަލީ ޖަވާމެވެ.
މި މަހުގެ 19 ވަނަ ދުވަހު ބަންގްލަދޭޝްގައި ފަށާ މި މުބާރާތަށް ދިވެހި ޤައުމީ ވޮލީ ޓީމު ނުކުންނާނީ މުހައްމަދު ސާޖިދު (ކާއްޓެ) ގެ އިރުޝާދުގެ ދަށުންނެވެ.
މި މަހުގެ ހަތްވަނަ ދުވަހު ރާއްޖޭގެ ޤައުމީ ވޮލީ ޓީމު ތަމްރީން ކޭމްޕަކަށް ތައިލެންޑަށް ފުރާއިރު، މުބާރާތަށް ބަންގްލަދޭޝްއަށް ޓީމު ދަތުރުކުރާނީ ތައިލެންޑުންނެވެ.