ގުރޫރާޖް ކިޝޯރް ނަމަކަށް ކިޔާ އެމީހާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ހައްޔަރު ކުރީ ތަހުގީގު ކުރާ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވީނަމަވެސް، އެއީ ކޮންމައްސަލައެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ގުރޫރާޖް ކިޝޯރް ރާއްޖެ އައިސްފައި ވަނީ އޭނާގެ ނަން ވެސް އޮޅުވާލައިގެންނެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ ބާސްކަރް ޝްރިވާސްތަވް ގެ ނަމުގައި ޑޮކިއުމެންޓުތަކެއް ހަދައިގެންނެވެ.
ރާއްޖެ އައިސް ގުރޫރާޖް ކުރިން މަސައްކަތް ކުރަމުން ގެންދިޔައީ އައްޑޫސިޓީ ހިތަދޫގެ އައިއެމްޑީސީ ކްލިނިކްގައި ލެބޯރަޓަރީ އެސިސްޓަންޓެއްގެ ގޮތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް އޭނާ އެތަނުގައި މަސައްކަތް ކުރަމުން ގެންދިޔައެވެ. އޭގެ ފަހުން ފޭދޫ އެއިމްސް ކްލިނިކަށް އޭނާ ބަދަލުވިއެވެ. ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ ވެސް އެއިމްސް ކްލިނިކްގައި މަސައްކަތް ކުރަމުން ގެންދަނިކޮށެވެ.
އިންޑިއާގެ ނޫހަކުން 28 ޖުލައި 2006 ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ގުރޫރާޖް ކިޝޯރްގެ ލޯބިވެރިޔާ ތާނިޔާ ބެނަޖީ ބެންގަލޯރުގައި މަރާލި ކަމަށް އޭނާ ވަނީ އެއްބަސް ވެސް ވެފައެވެ. މިމައްސަލަ އިންޑިއާ ފުލުހުން ތަހުގީހުކޮށް އެއިރު ރިޕޯޓު ކޮށްފައިވާ ގޮތުގައި ގުރޫރާޖް އާއި ތާނިޔާ އެއިރު މަސައްކަތް ކުރީ ބީޕީއޯ ކޯލް ސެންޓަރުގައެވެ. ތާނިޔާއާއި ކައިވެނި ކުރަން ބޭނުންވި ކަމުގައިވިޔަސް، އެހެން ފިރިހެނުންނާއި ތާނިޔާ ރަހުމަތްތެރިކަން ބޭއްވުމުގެ ސަބަބުންނާއި މުއްސަނދި ދިރިއުޅުމަށް އުޅެން ތާނިޔާ ލޯބިކުރާތީ ހިތްހަމަ ނުޖެހުން ކަމަށް ގުރޫރާޖް ބުނިކަމަށް ފުލުހުން ބުނެފައިވެއެވެ.
އިންޑިއާ ފުލުހުން ބުނިގޮތުގައި ތާނިޔާ މަރާލި ރޭ، އޮފީސް ނިންމާފައި ގުރޫރާޖްގެ ކާރުން ދެމީހުން ގެއަށް ދަމުން ތާނިޔާގެ އެގޮތްތައް ބަދަލު ކުރުމަށް އޭނާ ނަސޭހަތްތެރިވިއެވެ. ނަމަވެސް އަމިއްލަ މިނިވަންކަން ބޭނުންވާ ކަމަށް ބުނެ ތާނިޔާ ހަޅޭލެވުމުން ރުޅި އައިސްގެން އޭނާއަށް ހަމަލާ ދިނީ ކަމަށް ގުރޫރާޖް އެއްބަސްވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ތާނިޔާގެ ހަށިގަނޑުގެ 35 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ވެސް އެނޫހުން ރިޕޯޓު ކޮށްފައިވެއެވެ.