މިދެމަފިރިން ކައިބޮއެ އުޅެނީ އެކުއެކީގަ، އެއްތައްޓަކުން! ލޯބި ވަރުގަދަވެފައިވަނީ މިހެންވެ!

ކިޔުމަށް ހޭދަވާނީ 2މ 16ސ
މިދެމަފިރިން ކައިބޮއެ އުޅެނީ އެކުއެކީގަ، އެއްތައްޓަކުން! ލޯބި ވަރުގަދަވެފައިވަނީ މިހެންވެ!
އެމިރާޓީ ގެ ދެމަފިރިއެއް ކަމަށްވާ ޚާލިދް އަލް އަމޭރީ އާއި ސަލާމާ ގެ ލޯބީގެ ވާހަކައަކީ އެތައް ބަޔަކު މިސާލުނަގާ، އެދެމަފިރިންގެ ވާހަކަ އިތުރަށް ހޯދަން ބޭނުންވާ މުޅި ދުނިޔެއަށް މަޝްހޫރުމުސްލިމް ދެމަފިރިއެކެވެ.

އިންސްޓަގްރާމްގައި އެދެމަފިރިންގެ ފޮޓޯ ތަކާއި ވީޑިއޯތައްލާފައި ހުންނައިރު، އަބަދުވެސް ފެންނަނީ ނުހަނު ލޯތްބާއިއެކު ހީސަމާސާ މިޒާޖެއްގައި އެކަކު އަނެކަކާއެކު އުޅޭ މަންޒަރެވެ.

މުޖުތަމައުއަށް ފައިދާ ކުރުވަނިވި ގިނަގުނަ ވާހަކަތަކަކާއި ނަސޭޙަތްތަކެއް ދެމުން އަންނަ ޚާލިދު އާއި ސަލާމާ ގާތު، އެދެމަފިރިންގެ ލޯބި އެހާ ވަރުގަދަކޮށް ދެމެހެއްޓިފައިވަނީ ކިހިނެއްތޯ ވަރަށް ގިނަ މީހުން ސުވާލު ކޮށްފައިވެއެވެ.

އެސުވާލުތަކަށް ޖަވާބުދިނުމަށް ޚާލިދް އަލް އަމޭރީ އޭނާގެ ފޭސްބުކް ޕޭޖަށް ލާފައި އިންނަނީ އެދެމަފިރިން އެއްކޮށް ކާން އިންނަ ފޮޓޯއެކެވެ. ފޮޓޯ އިން ފެންނަނީ ދެމަފިރިން ތަޅުންގަނޑުމަތީގައި ކާން އިށީންދެގެން އިންނަ މަންޒަރެވެ. ނަމަވެސް ދެމަފިރިން ކަނީ އެއް ތައްޓަކުންނެވެ. ބޯން ގެނެސްފައި ހުންނަނީ ވެސް އެންމެ ބުއިމެކެވެ.

ފޮޓޯއިން ފެންނަ މަންޒަރު ދޭހަ ކޮށްދެމުން ޚާލިދު ލިޔެފައިވެއެވެ.

"އަހަންނަށް ހީވާ ގޮތުގައި ކައިވެންޏެއް ކުރަން އުޅުން އިރު އަހަންނަށް ކުރެވިފައިވާ އެންމެ ބޮޑު ކުށަކީ، ކައިވެނި ކުރުމަށްފަހު ކޮންމެ އެއްޗަކުން ދެ އެއްޗެއް ދެން ހޯދަން ޖެހޭނެކަމަށް ހީވުމެވެ.

އަހަރުމެން ދެމަފިރިން ވެސް އުފަލުގައި ހުރުމަށްޓަކައި ބޭރަށް ދާން ދެ ކާރު ގަތުމާއި، ގެއިން ބޭރަށް ގޮސް ކާއިރު ވެސް އަހަރުމެން ދެ މީހުންނަށް ވަކިން ކާއެއްޗެހި ގެނައުމާއި ނުވަތަ އެނޫން ވެސް އެއްޗެހިން ކޮންމެ އެއްޗަކުން ދެ އެތި ގަނެފައި ހުންނަން ޖެހޭނެ ކަމަށް ހީވުމަކީ އަހަންނަށް ހީވި ކުށްހީއެކެވެ.

އަހަރެންގެ އެވިސްނުން ބަދަލުވީ އެއް ދުވަހަކު މަޖިލިހެއްގެ (ބައްދަލުވުމެއްގެ) ތެރޭގައި އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ވަރުގަދަ ލޯބީގެ ވާހަކައެއް އަޑުއިވުމުންނެވެ. އެދެމަފިރިން އަބަދުވެސް ކައިބޮއެ އުޅުނީ އެކުއެކީގައެވެ. އެއްތައްޓަކުންނެވެ.

އަހަރެން ވެސް އެފޯމިއުލާ އަޖުމަ ކޮށްލަން ބޭނުންވިއެވެ. އެހެންވެ އެދުވަހު ގެއަށް ދިޔުމަށްފަހު އެކަން ސަލާމާ (އަހަރެންގެ އަނބިމީހާ) އާއި މަޝްވަރާ ކުރީމެވެ.

އޭގެ ފަހުން އަހަރުމެން ދެމަފިރިން އަބަދުވެސް ކައިބޮއެ އުޅެނީ އެއްކޮށް، އެއްތައްޓަކުންނެވެ. އަހަރެން ސަލާމާއަށް ރިހައިގަ ހުންނަ މަހުން ކަށިފިލުވާ ދެމެވެ. އަދި އޭނާ އަހަރެން ބޭނުންވާ ވަރަށް، ބަތްތަށިން އަހަރެން ކާފަޅިއަށް، ޔޯގަޓް އަޅާދެއެވެ. އަހަރުމެން ދެމަފިރިން ކާން އިންނައިރު ވާހަކަ ނުދެއްކި ކަމުގައި ވިޔަސް އެކަކު އަނެކަކު ބޭނުންވާ ގޮތްތައް އިޙުސަސް ކުރެވި އެކަންކަން އަމިއްލައަށް އެނގެއެވެ.

އެފަދައިން ކަންތައް ކުރުމުން އަހަރުމެން ދެމަފިރިންނަށް އެކަކު އަނެކަކާ ވަރަށް ބޮޑަށް ގާތްވެވެއެވެ."

މިއަދު އޮންލައިން