ފަލަސްޠީނުގެ ރައްޔިތުން މާދަމާ ވެސް މުޒާހަރާކޮށްފިނަމަ ބަޑިޖަހާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފިއެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލުގެ ރޭޑިއޯއަށް ދިން ބަސްދީގަތުމެއްގައި ބުނީ އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާއިމެދު އަމަލުކުރަމުން އަންނަ ސިޔާސަތުތަކަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.
ޑިފެންސް މިނިސްޓަރު ކުރިއާލައި މިހެން ބުނެފައި މިވަނީ މާދަމާއަކީ ހުކުރު ދުވަސްކަމަށްވުމުން ގިނަ އަދަދެއްގެ ފަލަސްޠީނު ރައްޔިތުން މުޒާހަރާކުރާނެ ކަމަށް ބަލައެވެ.
މިއަދުވެސް ވަނީ ޣާޒާއަށް ވައިގެ ހަމަލާއެއްދީ ފަލަސްޠީނުގެ ރައްޔިތަކު ޝަހީދުކޮށްފައެވެ. މިދިއަ ހުކުރު ދުވަހު ވަނީ 18 މީހުން ޝަހީދުކޮށް 1400 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފައެވެ. މީގެ ތެރެއިން 800 ވަރަކަށް މީހުންގެ ގައަށް ވަނީ ލައިވް ވަޒަންޖަހައިފައެވެ.