ޢާންމުކޮށް ލައިވްކޮށްގެން މިއަދު ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލީހެއްގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސާ، ޕާކުގެ މައްޗަށް 24 އަހަރުގެ ޖަލުހުކުމެއް އިއްވައިފިއެވެ.
ޕާކުގެ މައްޗަށް މިހުކުމް އިއްވީ ވެރިކަމުގައި ހުރެ ހިންގާފައިވާ ކޮރަޕްޝަންތަކުގެ މައްސަލަތަކާއި ގުޅިގެންނެވެ. ޝަރީއަތް ލައިވްކުރުމަކީ ދެކުނު ކޮރެއާގައި ކުރާ ކަމެއް ނޫނެވެ. ނަމަވެސް މިއަދުގެ ޝަރީއަތް ލައިވްކުރުމަށްފަހު ބުނެފައިވަނީ އެކަންކުރީ ޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަޞްލަހަތާއި ގުޅިފައިވާ މައްސަލައަކަށްވާތީ ކަމަށެވެ.
ކޯޓުން ވަނީ ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން ޕާކުގެ މައްޗަށް 24 އަަހަރުގެ ޖަލުޙުކުމް އިއްވުމުގެ އިތުރުން 16.9 މިލިއަން ޑޮލަރުން ޖުރުމަނާ ވެސް ކޮށްފައެވެ. ޕާކަކީ ދެކުނު ކޮރެއާގައި ބޭއްވުނު ފުރަތަމަ މިނިވަން އިންތިޚާބު ކާމިޔާބުކުރި ރައީސް އެވެ.
ފަނޑިޔާރު ބުނީ ރިޝްވަތުގެ މައްސަލަތައް ކަނޑައެޅިގެން ސާބިތުވާއިރުވެސް ޕާކު ގެންދަނީ އިންކާރުކުރަމުން ކަމަށާއި އެކަމުން އެނގެނީ ކުށްޤަބޫލުކުރަން ޕާކު ބޭނުން ނުވާކަން ކަމަށެވެ. ޕާކް ބުނަމުން ގެންދަނީ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ.
ދައުލަތުގެ ވަކީލުން މަސައްކަތްކުރީ 30 އަހަރުގެ ޖަލު ޙުކުމެއް އިއްވުވުމަށާއި 112 މިލިއަން ޑޮލަރުން ޖުރުމަނާ ކުރުވުމަށެވެ.
ޕާކުގެ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން އޭނާގެ ވެރިކަން ނިމުމަކަށް ގެނުވީ ރައްޔިތުންގެ އެތައްހާސް ބައަކުު މަގުތަކަށް ނުކުމެ މެދުނުކެނޑި މުޒާހަރާކޮށްގެންނެވެ.