ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް އިޒްރޭލުގެ އުދުވާނީ ސިފައިން އިއްޔެ ބަޑި ޖެހުމުގެ ސަަބަބުން ޝަހީދުވި ނުވަ މީހުންގެ ޖަނާޒާ މިއަދު ބާއްވައިފިއެވެ. އޭގެ ތެރޭގައި އުމުރުން 16 އަހަރުގެ ކުޑަ ކުއްޖެއް ވެސް ހިމެނެއެވެ.
މިޖަނާޒާތަކުގައި ޣައްޒާގެ އެތައްހާސް ރައްޔިތުންނެއް ބައިވެރިވި މަންޒަރު ވެގެންދިޔައީ ނުހަނު އަސަރުން ފުރިގެންވީ މަންޒަރުތަކެއްގެ ގޮތުގައެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ ނޫސްވެރިއަކު ވެސް ވަނީ ޝަހީދުވެފައެވެ.
އޭގެއިތުރުން އެމުޒާހަރާގެ ތެރޭގައި ޒަޚަމްވެފައިވާ މީހުންގެ އަދަދު 491 އަށް އަރާފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
އިޒްރޭލުން ބުނިގޮތުގައި އިއްޔެގެ އެމުޒާހަރާގައި 20،000 މީހުން ޖަމާވެފައިވެއެވެ. އަދި އެމީހުން މަސައްކަތްކުރީ ޣައްޒާ-އިޒްރޭލު ވަކިކުރަން ޖަހާފައިވާ ސަލާމަތީ ފެންސް ހަލާކުކޮށްލައިގެން އިޒްރާއީލުގެ ތެރެއަށް ވަދެގަތުމަށް ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.