ޗައިނާ އިން އަމަލުކުރާ ވިޔަފާރީގެ ސިޔާސަތުތަކަށް ތަރައްޤީވެފައިވާ ޤައުމުތަކުން އަމަލުކުރާނަމަ މައްސަލަތައް ހައްލުވާނެ ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ވިދާޅުވެއްޖެއެވެ.
ރައީސް ޒީ ޖިންޕިން މިމޭރުމުން ވިދާޅުވީ ޗައިނާގެ ބޯއޯ ގައި މިއަދު ފެށި ބޯއޯ ކޮންފަރެންސް 2018 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައިސް ޒީ ޖިންޕިން ވިދާޅުވީ ވިޔަފާރިތައް ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ ބޭނުންތަކާއި އެއްގޮތަށް ކަމަށެވެ. ރައްޔިތުން ބޭނުންވާ ދުނިޔޭގެ އުފެއްދުންތައް ލިބެން ހުންނާނެ ގޮތް ހަމަޖައްސަންޖެހޭކަން ފާހަގަކުރައްވައި ރައީސް ޒީ ވިދާޅުވީ ޗައިނާގެ ރައްޔިތުން ބޭނުންވާ މުދަލުގެ އިމްޕޯޓް ޓެރިފަށް މިއަހަރު ތެރޭ ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވާނެ ކަމަށެވެ.
މިއަހަރުގެ ނޮވެމްބަރު މަހު ހޮންގކޮންގގައި ބާއްވާ ބިޒްނަސް އެކްސްޕޯގައި ވީހައި ފަރާތްތަކުން ބައިވެރިވެ ބައްދަލުކޮށް މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް ދައުވަތުދެއްވާ ކަމަށްވެސް ރައީސް ޒީ ވިދާޅުވިއެވެ.