މިކަމަށްޓަކައި މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޑިރެކްޓަރ އޮފް ސޭލްސް ޙުސައިން ނިޔާޒް ވިދާޅުވީ އުރީދޫ އަކީ އަބަދުވެސް ދިވެހި މަސްވެރިންނާއި ވަރަށް ގާތް ގުޅުމެއް ބާއްވައިގެން ވަރަށް އެކުގައި މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.
ހުސައިން ނިޔާޒް ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމަށްވާއިރު އުރީދޫ މަސް ރޭސް މެދުވެރިކޮށް ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަން ކުރުމުގެ ޝައުޤުވެރިކަން އުފެއްދުމަކީ އުރީދޫއަށް ލިބޭ ޝަރަފެއް ކަމަށެވެ.
ޙުސައިން ނިޔާޒް ވިދާޅުވީ މި ފަހަރުގެ މަސްރޭހުގައި ބައިވެރިވުމަށް ދައުވަތު ދެނީ އޮފީސްތަކަށާއި ކުންފުނިތަކަށާއި ރިޒޯޓްތަކަށް ކަމަށެވެ. އަދި މުބާރާތް ބޭއްވޭނީ އުތުރާއި ދެކުނާއި އަދި މެދުރާއްޖެތެރޭގައި ކޮލިފައި ރައުންޑްތަކެއް ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. މިސަރަހައްދުތަކުގައި ކުރިއަށް ގެންދާނީ އެ ސަރަހައްދުތަކުގައި ހުރި ރިޒޯޓުތަކުގެ މެދުގައި ކުރިއަށް ގެންދާ ބުރުތަކެވެ.
އޮފީސްތަކާއި ކުންފުނިތަކުގެ ކޮލިފައިން ބުރު ކުރިއަށް ގެންދާނީ މާފުށީގައެވެ. ކުންފުންޏަކަށާއި 8 މިނިސްޓްރީއަކަށް މިބުރުގައި ބައިވެރިވެވޭނެއެވެ. މާލެ ސަރަހައްދުގައި ކުރިއަށް ގެންދާނީ ސެމީ ފައިނަލް އަދި ފައިނަލްއެވެ.
މިފަހަރުގެ މުބާރާތް އެޕްރިލް މަހުން ފެށިގެން ޖޫންމަހަށް ކުރިއަށް ގެންދާނެއެވެ. ފައިނަލް ބާއްވާނީ ރަމަޟާން މަހުއެވެ.
އުރީދޫގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހީމް ޒާހިރު ވިދާޅުވީ ކުންފުނިތަކާއި މިނިސްޓްރީތަކުގެ ބައިގައި 8 ފަރާތަށްވުރެ ގިނަ ފަރާތުން ބައިވެރިވެއްޖެނަމަ 8 ޓީމު ހޮވުމަށްޓަކައި ދާނީ ގުރުއަތަކަށް ކަމަށެވެ.
ނޫރާ ވިދާޅުވީ މިފަހަރުގެ މުބާރާތް ރާއްޖެ ތެރޭގެ ރަށަށުގައި ކުރިއަށް ގެންދަން ހަމަޖެހިފައި އޮތުމަކީ މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ކަމެއް ކަމަށެވެ. މަސްރޭސް ބާއްވާ ދުވަސް ދުވަހު ކުޑަކުދިންގެ ހަވީރާއި ބޮޑެތި މީހުން ޝައުޤުވެރިވާނެ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއީ ރާއްޖޭގައި މިހައި ތަނަށް ބޭއްވޭ ހުރިހާ ގޮތަކުންވެސް އެންމެ ބޮޑު މަސްބޭނުމުގެ މުބާރާތަށް ވެގެންދާނެއެވެ.