އެނުބައި މީހުންގެ ކިބައިން އަހަރުމެންނަށް އާސިފާ ސަލާމަތެއް ނުކުރެވުން، އެކަމަކު އިންސާފު ހޯދާދޭނަން- އިންޑިއާގެ ޔޫނިއަން މިނިސްޓަރ

ކިޔުމަށް ހޭދަވާނީ 1މ 37ސ
އެނުބައި މީހުންގެ ކިބައިން އަހަރުމެންނަށް އާސިފާ ސަލާމަތެއް ނުކުރެވުން، އެކަމަކު އިންސާފު ހޯދާދޭނަން- އިންޑިއާގެ ޔޫނިއަން މިނިސްޓަރ
ނިއު ދިއްލީ- މިއަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ ޖާއްމޫގެ ކަތޫއާގައި ރަހީނުކޮށް، ގޭންގެ ރޭޕްކުރުމަށްފަހު މަރާލި އުމުރުން އެންމެ އަށް އަހަރުގެ ކުޑަކުޑަ އާސިފާއަށް އިންސާފު ހޯދާދޭނެ ކަމަށް އެޤައުމުގެ ޔޫނިއަން މިނިސްޓަރު ވީކޭ ސިންގު ބުނެފިއެވެ.

"އެނުބައި މީހުންގެ ކިބައިން އަހަރުމެންނަށް އެކުޑަކުޑަ އާސިފާ ސަލާމަތެއް ނުކުރެވުނު. އެކަމަށްޓަކައި އަހަރެން ދެރަވޭ. އެކަމަކު އޭނާއަށް ހަމަ ޔަގީނުންވެސް އިންސާފު ހޯދާދޭނަން" ވީކޭ ސިންގު ޓްވީޓް ކޮށްފައިވެއެވެ.

ވީކޭ ސިންގް އަކީ އިންޑިއާގެ އިސްބޭފުޅުންގެ ތެރެއިން މިމައްސަލައާއި ބެހޭގޮތުން މިފަދަ ގޮތަކަށް ވާހަކަ ދެއްކި އެންމެ ފުރަތަމަ މިނިސްޓަރެވެ.

އާސިފާ ރަހީނު ކޮށްފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އޭނާ ދިރިއުޅެމުން ދިޔަ އަވަށް ކައިރިންނެވެ. އެކުޑަ ކުއްޖާއަށް ނިދާ ބޭސް ދިނުމަށްފަހު ދުވަސްތަކެއް ވަންދެން ގޭންގް ރޭޕް ކުރިއެވެ. އަދި އޭގެ ފަހުން ގައުގަނޑަކުން ޖަހާ ބޯޗިސް ކޮށްލުމަށްފަހު އެކުއްޖާ މަރާލިއެވެ.

އާސިފާގެ ގާތިލުންގެ ތެރޭގައި އިންޑިއާ ފުލުހުންގެ އޮފިސަރުންތަކަކާއި ފުރާވަރު އުމުރުގެ މީހެއް ވެސް ހިމެނޭކަމަށް ރިޕޯޓުތަކުން ހާމަވެއެވެ. އާސިފާ މަރާލުމުގެ ކުރިން އޭނާ އަދި އެއްފަހަރު ރޭޕް ކުރަން އޭގެ ތެރެއިން އެއް ފުލުހަކު އެދުނު ކަމަށް ވެސް ޗާޖް ޝީޓުން ދައްކާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ވަލުތެރެއިންއާސިފާގެ ހަށިގަނޑު ފެނިފައިވަނީ، އޭނާގެ ޚަބަރެއް ނުވެގެން އާއިލާއާއި އެއަވަށުގެ އެހެން މީހުންތަކެއް މަގަށް ނިކުމެ ކަންބޮޑުވުން ފާޅު ކުރުމުން، ފުލުހުން ހޯދި ހޯދުމުންނެވެ.

އިންޑިއާ ފުލުހުންގެ ތެރެއިން ދެ ފުލުހަކު، ހެކިތައް ފޮރުވަން އުޅުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ޝައްކު ކުރެވޭ ހަ މީހަކު މިހާރު ހައްޔަރު ކުރެވިފައި ތިބި ކަމުގައި ވިޔަސް، މައްސަލަ އިތުރަށް ތަހުގީގު ނުކުރުމުގެ ސަަބަބުން އިންޑިއާގެ ގިނަ ސިޔާސީ ޕާޓީތަކާއި އެހެން ރައްޔިތުން ވެސް ދަނީ އިހުތިޖާޖު ކުރަމުންނެވެ.
މިއަދު އޮންލައިން