އިޒްރެއިލުން ދޭ ކަރުނަ ގޭސް ހަމަލާއިން ސަލާމަތްވުމަށް ފަލަސްތީނުގެ އައްޔާޝް ހެދި މާސްކު

ކިޔުމަށް ހޭދަވާނީ 1މ 38ސ
އިޒްރެއިލުން ދޭ ކަރުނަ ގޭސް ހަމަލާއިން ސަލާމަތްވުމަށް ފަލަސްތީނުގެ އައްޔާޝް ހެދި މާސްކު
ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ އުމުރުން އެންމެ ނުވަ އަހަަރުގެ މުޙައްމަދު އައްޔާޝް، އިޒްރެއިލުން ދޭ ކަރުނަ ގޭސް ހަމަލާއިން ސަލާމަތްވުމަށްޓަކައި އަމިއްލައަށް މާސްކެއް ހަދައިފިއެވެ.

އާދައިގެ މާސްކެއްގެ ތެރެއަށް ފިޔަލެއް ލައިގެން އައްޔާޝް ހެދި އެމާސްކަކީ، އެފަދަ ހަމަލާތަކުން ރައްކާތެރިވެވޭނެ ކަމަށް އޭނާގެ ބައްޕަ ބުނެދިން ގޮތެއް ކަމަށް އޭނާ ބުންޏެވެ.

"އެންމެ ފުރަތަަމަ އެމީހުން (އިޒްރެއިލުން) ދިން ހަމަލާގައި އަަހަރެންގެ ބައްޕަ ޒަޚަމްވި. އެއިރު ބައްޕަ އަހަންނަށް ކިޔައިދިން ފޭސް މާސްކް ތެރެއަށް ފިޔަލެއް ލުމުން ކަރުނަ ގޭސް ޖެހިޔަސް އޭގެ އަސަރު ނުކުރާނެ ކަމަށް. އެހެންވެ އަހަރެން ހިތައް އެރީ އެގޮތް އަހަރެން އަމިއްލައަށް ބަލާލާނީއޭ" އައްޔާޝް ކިޔައިދިނެވެ.

އައްޔާޝް އަކީ، ފަލަސްތީނުގެ ބިން އަނބުރާ ފަލަސްތީނަށް ހޯދާ ދިނުމަށް ޣައްޒާ ގެ އެތައްހާސް ރައްޔިތުންނެއް ކުރި އިހުތިޖާޖުގައި ބައިވެރިވި ހިތްވަރުގަދަ ކުޑަކުއްޖެކެވެ.

"އިހުތިޖާޖުގައި ބައިވެރިވިއިރު، އިޒްރެއިލު ސިފައިން ބަޑިޖަހާފާނެތީ ބިރެއް ނުގަތްތަ؟" އަލްޖަޒީރާގެ ނޫސްވެރިއަކު އައްޔާޝް އާއި ސުވާލު ކުރިއެވެ.

"އަހަރެން އެމީހުން ދެކެ ބިރެއް ނުގަނޭ. އެމީހުން އަހަރުމެން ދެކެ އަސްލު ބިރު ގަންނަނީ." ހިތްވަރުގަދަކަމާއިއެކު އައްޔާޝް ޖަވާބު ދިނެވެ.

"އެމީހުން ތިބީ ކުޑަކުއްޖެއް ދެކެ ބިރުން؟" ހައިރާންވެފައި ނޫސްވެރިޔާ އަހާލިއެވެ.

"އެމީހުން ބިރުން ތިބީ އެމީހުންގެ ބިމެއް، ގެއެއް ނެތީމަ. އެމީހުން އައިސްފައި ތިބީ އެހެން ޤައުމަކުން. އަދި އެމީހުން ބޭނުންވަނީ ގުދުސް ވެސް އެމީހުންގެ ތަނަކަށް ހަދަން." އައްޔާޝް ގެ ޖަވާބު ވަރަށް ވެސް ފުރިހަމައެވެ.

"އިހުތިޖާޖު ކުރީ ކޮންކަމަކަށް ގޮވާލާފަ؟" ނޫސްވެރިޔާ މިހެން އެހުމުން އައްޔާޝް ބުނީ "އަހަރެންގެ އަމާޒަކަށްވީ އަހަރެމެންގެ ބިން އަހަރެމެންނަށް އަނބުރާ ހޯދުން. އެއީ އަހަރެންގެ ކާބަފައިންގެ ވެސް ބިން. އަހަރެން އެހުރިހާ ހަނދާންތަކެއް އަނބުރާ ހޯދަން ބޭނުން" ކަމުގައެވެ.


މިއަދު އޮންލައިން