އުތުރު ކޮރެއާގެ މިސައިލްތަކާއި ނިއުކްލިއާ ޓެސްޓްތައް ހުއްޓާލަން ނިންމައިފިއެވެ.
ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުތުރު ކޮރެއާގެ މިސައިލްތަކުގެ ޓެސްޓްތައް ހުއްޓާލައި ނިއުކްލިއާ ޓެސްޓްތައް ކުރަމުންދާ ސަރަހައްދު އެއްކޮށް ބަންދުކުރާނެކަމަށް އެ ޤައުމުގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެފައިވާކަމަށެވެ.
ކޭސީއެންއޭގައިވާ ގޮތުން، އުތުރު ކޮރެއާއިން މި ނިންމުން ނިންމާފައިވަނީ އެ ޤައުމުގެ ވެރިކަންކުރާ ޕާޓީގެ ސެންޓްރަލް ކޮމިޓީއިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. އަދި އެ ގޮތަށް ނިންމީ އެ ޤައުމުގެ ބެލިސްޓިކް މިސައިލްއާއި ނިއުކްލިއާ ޕްރޮގްރާމް ކާމިޔާބުވެފައިވުމުން އިތުރަށް ޓެސްޓްތައް ކުރުމުގެ ބޭނުމެއް ނެތުމުންކަމަށް އެ ޤައުމުގެ ލީޑަރު ކިމް ވިދާޅުވެފައިވާކަމަށް ކޭސީއެންއޭ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
އުތުރު ކޮރެއާއިން މިސައިލްއާއި ނިއުކްލިއާ ޓެސްޓްތައް ހުއްޓާލައި ޓެސްޓްކުރާ ސަރަހައްދު ބަންދުކުރަން ނިންމާފައިވާކަން ހާމަކުރި ނަމަވެސް އެ ޤައުމުގައި މިހާރު ހުރި ނިއުކްލިއާ ހަތިޔާރުތައް ނައްތާލާނެކަމަށް އަންގާފައެއް ނުވެއެވެ.
އުތުރު ކޮރެއާއިން މި ކުއްލި ބޮޑު ނިންމުން އިއުލާންކޮށްފައިވަނީ ދެކުނު ކޮރެއާއިންނާއި އެމެރިކާއިން އެ ޤައުމާއެކު މަޝްވަރާތަކެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. އެ ގޮތުން ދެކުނު ކޮރެއާގެ ރައީސް މޫން ޖައިއިންއާ އަންނަ ހަފުތާގެ ތެރޭގައި ބައްދަލުކުރަން ހަމަޖެހިފައިވާއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ބައްދަލުކުރަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ. މި ދެ ޤައުމުން ވެސް ދިޔައީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ގޮވާލަމުންނެވެ.
އުތުރު ކޮރެއާގެ މި ނިންމުމަށް މަރުހަބާ ދަންނަވައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މިއަދު ޓްވީޓެއް ވެސް ކުރައްވައިފައެވެ. އެ ޓްވީޓްގައި ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާގެ ނިންމުމަކީ އެ ޤައުމުގެ އިތުރުން މުޅި ދުނިޔެއަށް ވެސް ބޮޑު ޚަބަރެއްކަމަށެވެ.