ޤާނޫނާ ޚިލާފް އަމުރުކުރުމަކީ ޙަރާމްކަމެއް ކަމަށާއި އެފަދަ އަމުރުތައް ކުރާ މީހުންގެ އަދަބަކީ ފަސާދަކުރުމުގެ އަދަބު ކަމަށް ޙަރަމްފުޅުގެ އިމާމް ޝައިޚް ސަޢުދު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
މައްކާގެ ޙަރަމްފުޅުގައި ހުކުރު ޚުޠުބާ ވިދާޅުވަމުން އިމާމް ވިދާޅުވީ މުސްލިމުންގެ ޤާނޫނަކީ ޤްރްއާން ކަމަށާއި ޤްރްއާނުގައި ބަޔާންވެގެންވާ ކަމެއް އެހެން ގޮތަކަށް ކުރަން އަމުރުކުރުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށެވެ. "އެކަމަށް ކިތަންމެ ގިނަ ހެކި ދެއްކި ނަމަވެސް ބަލައިގަނެގެން ނުވާނެ. ބަލައިގަނެފިނަމަ އެކުރެވޭ ކަމަކީ ކީރިތި ޤްރްޢާން ދޫކޮށްލުން."
ޝައިޚް ވިދާޅުވީ މުޖުތަމައުތަކުގައި މީހުން އުޅުމަށް ހަދާފައި ހުންނަ ޤާނޫނު ތަކަށް ވެސް އަމަލުކުރަންޖެހޭނެ ކަމަށެވެ. ޤާނޫނުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
"ޤާނޫނުތަކާ ޚިލާފަށް ކަންކަން ކުރާތީ މުޖުތަމައުތަކުގައި ހަމަނުޖެހުން އުފެދި އިތުރުވަމުން މިދަނީ. ފަސާދަވަމުން މިދަނީ. ވީމާ ޤާނޫނާ ޚިލާފަށް ކަންކަން ކުރަން އަމުރުކުރާ މީހުންނަކީ މުޖުތަމައު ފަސާދަކުރާ މީހުން. އެމީހުންނަށް ދޭންޖެހޭނެ އަދަބަކީ ފަސާދަކުރުމުގެ އަދަބު."
އިމާމް ވިދާޅުވީ ޤާނޫނުތަކާއި ޚިލާފަށް ކަންކަން ކުރަން އަމުރުކުރަން ބުނަނީ ޝައިޠާނާ ކަމަށެވެ. އަދި ޤާނޫނުތަކާއި ޚިލާފަށް ކަންކަން ކުރުމުން ކޮރަޕްޝަން މިދަނީ އިތުރުވަމުން ކަމަށެވެ.