ސެއިން ވިންސެންޓުގެ ފޯވާޑު ކޮނޭލިއަސް ސްޓެވާޓްގެ ދެ ލަނޑުން ކްލަބް އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އެސްޓީއޯ މާލޭ ލީގުގެ ދެވަނައަށް ޖެހިލައިފިއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުން އީގަލްސް ބަލިކޮށް މާޒިޔާ މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއެކު ލީގުގެ ދެވަނައިގައި މާޒިޔާ އޮތީ 13 ޕޮއިންޓް ލިބިގެންނެވެ. ލީގުގެ އެއްވަނައިގައި އޮތް ނިއު ރޭޑިއަންޓަށާއި ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. މާޒިޔާއާއި ޓީސީއަށް ފުރަތަމަ ބުރު ނިމުނުއިރު، ނިއުއަށް އަދި ފުރަތަމަ ބުރުގައި ބާކީ އެއް މެޗު އެބައޮތެވެ.
ރޭގެ މެޗުން މޮޅުވެގެން ލީގުގެ އެއްވަަނައަށް ޖެހިލުމުގެ ފުރުސަތު އީގަލްސްއަށް އޮތްއިރު، ރޭގެ މެޗުން ބަލިވުމުން އީގަލްސް ވަނީ ލީގުގެ ފަސްވަނައަށް ވެއްޓިފައެެވެ. ފަސްވަނައިގައި އީގަލްސް އޮތީ 11 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. މި ދެ ޓީމަށް ވެސް ފުރަތަމަ ބުރު މިވަނީ ނިމިފައެވެ.
ރޭ ކުޅުނު މެޗު ފަށައިގެން މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާއިން ވަނީ ލީޑު ނަގައިފައެވެ. މާޒިޔާގެ ބިދޭސީ ފޯވާޑު ކޮނޭލިއަސް މި ލަނޑު ކާމިޔާބުކުރީ އީގަލްސްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން މާޒިޔާ ލީޑުގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް މާޒިޔާގެ ކުޅުންތެރިންނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ. އެ ގޮތުން މާޒިޔާގެ ބިދޭސީ ފޯވާޑު ލުއިޒް އެޑުއާޑޯއާއި، އަހުމަދު އިމާޒު (އާއްކޮ) އާއި، ކޮނޭލިއަސްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މާޒިޔާއިން ދެވަނަ ލަނޑު ޖަހައި މެޗުގެ ލީޑު ފުޅާކުރީ މެޗު ނިމެންދަނިކޮށެވެ. މި ލަނޑު ވެސް މާޒިޔާއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ކޮނޭލިއަސްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އީގަލްސްގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
މާލޭ ލީގުގެ ފުރަތަމަ ބުރުގައި ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗު އޮތީ މި މަހުގެ 29 ވަނަ ދުވަހުގެ ހަވީރުގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާއެވެ. ވެލެންސިއާ އޮތީ އެންމެ ޕޮއިންޓަކާއެކު ލީގުގެ އެންމެ ފުލުގައެެވެ.