އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުން ރާއްޖެ ކަޓައިފި

ކިޔުމަށް ހޭދަވާނީ 1މ 45ސ
އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުން ރާއްޖެ ކަޓައިފި
ބަންގްލަދޭޝްގައި މިހާރު ކުރިއަށްގެންދާ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުން ރާއްޖޭގެ ޤައުމީ ޓީމު ކަޓައިފިއެވެ.

މި އަަހަރުގެ މުބާރާތުގައި ހަ ޓީމު ވާދަކުރާއިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ ބަންގްލަދޭޝްއާއި ނޭޕާލްއެވެ. ގްރޫޕް ބީގައި ހިމެނެނީ ކިރްގިސްތާންއާއި، އުޒްބަކިސްތާންއާއި، ތުރުކެމެނިސްތާނެވެ.

މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. އެހެންވެ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެއަށް ދަތުރުކުރެވެން އޮތީ ވެސް އިއްޔެ ކުޅުނު މެޗުން ސީދާ ތިން ސެޓުން ރާއްޖެ މޮޅުވެގެންނެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އިއްޔެ ނުކުތީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ބަންގްލަދޭޝްއިން ގެންދިޔައީ 25-15، 25-15، އަދި 25-22 އުންނެވެ.

އޭވީސީ މުބާރާތަށް މި އަހަރު ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމު ނުކުތީ މުހައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގެ ކެޕްޓަނަކަށް ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު ޢަބްދުލްކަރީމް (ލޯންގޭ) ހަމަޖެއްސިއިރު، ވައިސް ކެޕްޓަނަކަށް ހަމަޖެއްސީ ޢަލީ ހުޒާމް (ހުޒާންޓޭ) އެވެ. މީގެ ކުރިން ޤައުމީ ޓީމުން ފެންނަ ގިނަ ސީނިއާ ކުޅުންތެރިން މި ފަހަރުގެ ޓީމުގައި ހިމަނާފައެއް ނުވެއެވެ. އެ ގޮތުން، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)، އިޝާން އިބްރާހިމް (ބަޓިސް)، އަހުމަދު އަހުސަން، އަދި އަޝްފާޤު އާދަމް ވެސް ޓީމުގައި ނުހިމަނައެވެ.

މި އަހަރުގެ މުބާރާތުން އެއްވެސް މޮޅެއް ނުލިބި ރާއްޖެ ކެޓިއިރު، މިދިޔަ އަހަރުގެ މުބާރާތުން ވެސް ރާއްޖެ ކެޓީ އެއްވެސް މޮޅެއް ނުލިބިއެވެ. އަދި މި އަހަރުގެ މުބާރާތުގައި ރާއްޖެއަށް އެންމެ ސެޓެއް ވެސް ގެންދެވިފައެއް ނެތެވެ. 2016 ވަނަ އަހަރު މި މުބާރާތުގައި ރާއްޖެއިން ތިންވަނަ ހޯދިއެވެ.


މިއަދު އޮންލައިން