ލޯފަން މީހުންގެ ޙައްޤުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާރޑް ސޮސައިޓީ އޮފް މޯލްޑިވްސް" (ބީވީއައިއެސްއެމް) އަށް ދިރާގު ގެ ފަރާތުން ހިލޭ ޚާއްސަ ޑިޖިޓަލް މުއާސަލާތުގެ ޚިދުމަތްތަކެއް ފޯރުކޮށްދީފިއެވެ.
ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި މިޚިދުމަތަކީ އެޖަމިއްޔާއަށް ޚާއްސަ ކޮށްގެން ފަރުމާ ކޮށްފައިވާ ހައްލެކެވެ. ދިރާގުން ފޯރުކޮށްދިން މިޚިދުމަތުގެ ސަބަބުން ބިވީއައިއެސްއެމް ގެ މެންބަރުންނަސް ހިލޭ ފޯނު މީޓިންގ ޚިދުމަތް ފޯރުކޮށްދެވިފައިވެއެވެ. އަދި މިޚިދުމަތަކީ ޖަލްސާތަކާއި ބައްދަލުވުންތައް ފަސޭހައިން ބާއްވާލެވޭގޮތަށް ގާއިމް ކުރެވޭ ޚާއްސަ ޑިޖިޓަލް ސްޕޭސްއެއް ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.
މިޚިދުމަތުގެ ޒަރިއްޔާއިން އެޖަމިއްޔާގެ މެންބަރުން ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވުމާއި މިޚިދުމަތް މެދުވެރިކޮށް މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަޙުމަތްތެރިކަން ބަދަހިކުރަން ނުހަނު ފަސޭހަ ވާނޭ ކަމަށް ދިރާގުން ބުނެފައިވެއެވެ. އަދި މިޚިދުމަތުގެ ސަބަބުން ބީވީއައިއެސްއެމް ޖަމިއްޔާގެ 200 އަށްވުރެ ގިނަ މެންބަރުންނަސް ބައްދަލުވުންތަކާއި ޖަލްސާތައް އެކުގައި އެއް މާލަމެއްގައި ބައްދަލުވުމުގެ ދަތިކަން ދިމާވަމުން ދާއިރު ހުރިހާ މެންބަރުން އެއްތަނެއްގައި ނެތްކަމުގައި ވިޔަސް މަޝްވަރާ ކުރުމަށް އިތުރު ފަސޭހަތަކެއް ދިރާގުން ފޯރުކޮށްދިން ޚިދުމަތުގެ ސަބަބުން ލިބިގެން ދާނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ދިރާގުން ފޯރުކޮށްދެމުން ގެންދާ މިޚިދުމަތް މެދުވެރިކޮށް، ޤުރްއާން ކިވަޔާ ދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު، އެޖަމިއްޔާގެ މެންބަރުންނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިޚިދުމަތް ބީވީއައިއެސްއެމް އާއިއެކު މިއަދު ދިރާގު އިން އައު ކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރު އެޖަމިއްޔާއިން ވަނީ މިޚިދުމަތް ބޭނުން ކޮށްގެން ހިސާބު، ލެޓިން އައި ކީރިތި ޤުރްއާން ކިޔެވާދިނުން ފަދަ ކުލާސްތައް ކުރިއަށް ގެންގޮސްފައެވެ.