ރޯދަމަހު ވިއްކަން ދުބާއީއަށް އެތެރެކޮށްފައިހުރި 170 މިލިއަން ދިރުހަމްގެ ފޭކް މުދާ ގުދަންތަކާއި ފިހާރަތަކުން ނަންގުވައި ބޮޑެތި އަދަދުތަކުން ޖުރުމަނާކޮށްފި އެވެ.
މިކަމަށް ހިންގި އޮޕަރޭޝަނުގައި އިންސްޕެކްޓަރުން ބަލާފައިވަނީ މުދަލުގެ އޮރިޖިނަލް އުފެއްދުންތަކަށާއި ލޭބަލްގައި ބުނެފައިވާ ފެންވަރާއި މުދަލުގެ ފެންވަރު ދިމާވޭތޯއެވެ. އަދި މުދަލުގެ މުއްދަތު ހަމަވާ ތާޜީޚު ލޭބަލްގައި ޖަހާފައިވަނީ މުދަލުގެ އަސްލާއި އެއްގޮތަށްކަން ވެސް ވަނީ ބަލައިފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އަތުލައިގަނެވުނު މުދަލުގެ އަގުގެ 10 ގުނަ މިމަހުގެ ނިޔަލަށް ޖުރުމަނާގެ ގޮތުގައި ދެއްކުމަށްފަހު ނޫނީ ވިޔަފާރި ނުކުރެވޭނެ ކަމަށެވެ. އަދި މީގެ ކުރިން މިބާވަތުގެ އަމަލެއް ހިންގާފައިވާ ފަރާތެއް ނަމަ ޖުރުމަނާގެ އިތުރުން ކުރިއަށް އޮތް 3 މަސް ދުވަހަށް ވިޔަފާރި ހުއްޓުވާނެ ކަމަށެވެ. އެއިގެ މާނައަކީ ރަމަޟާން މަހާއި ބޮޑު ޢީދުގެ ފައިދާ އެއިން އެއްވެސް ފިހާރައަކަށް ނުވަތަ ވިޔަފާރިއަކަށް ނުލިބުމެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކާބޯތަކެތީގެ ފެންވަރާއި ކަންކަން ބެލުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާނެ ކަމަށެވެ. ސަބަބަކީ ރަމަޟާން މަހަކީ އެފަދަ ބާވަތްތައް ބޭނުންކުރުން ގިނަވެގެންދާނެ މަހަކަށްވުމެވެ. "ދުބާއީ ސަރުކާރުން ބޭނުމެއް ނުވޭ ވަގު، ފޭކް ކާބޯތަކެތި ކާންދީގެން ރައްޔިތުންނަށް ބަލިޖައްސުވަން ފުރުޞަތުދޭކަށް. އެއީ ރޯދަ ހިފުމަށް ވެސް ހުރަސް އެޅޭނެ ކަމެއް. އެހެންވީމާ ރައްޔިތުންނަށް ރޯދަ ހިފޭނެ ގޮތް ފަހިކޮށްދިނުމަކީވެސް ސަރުކާރަށް ކުރަންޖެހޭ ކަމެއް" ކަމަށްވެސް ބުނެފައިވެއެވެ.