39،000 ފޫޓު މަތިން ސްޓްރޯކެއް ޖެހުނު ފިރިމީހާ އަނބިމީހާގެ ހެޔޮ ޢަމަލާ ދުޢާއިން ރަނގަޅުވިގޮތުގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
39،000 ފޫޓު މަތިން ސްޓްރޯކެއް ޖެހުނު ފިރިމީހާ އަނބިމީހާގެ ހެޔޮ ޢަމަލާ ދުޢާއިން ރަނގަޅުވިގޮތުގެ ވާހަކަ
39،000 ފޫޓު މަތިން ދެމަފިރިން އެކުގަ ދަތުރުކުރަނިކޮށް ސްޓްރޯކެއް ޖެހުނު މީހަކު 3 އަހަރު ފަހުން ބަލި ފަސޭހަވެ އަނބިމީހާ ޤަބޫލުކޮށްފި އެވެ.

ދެމަފިރިންގެ ކައިވެންޏަށް 2 އަހަރުވިތަނާ ދަރިއަކު ލިބެން އުޅޭތީ އުފާކޮށްލަން އެކުގައި ޗުއްޓީއެއް ހޭދަކޮށްލަން ފުރީ ވަރަށް އުފަލުން ތިބެއެވެ. 39،000 ފޫޓުމަތިން އުދުހެމުން ދަމުން ކުއްލިއަކަށް ފިރިމީހާ އެދުނީ އޭނާގެ މޫނަށް ބަލައިލުމަށެވެ. ބަލައިލިތަނާ ފިރިމީހާއަށް ވަނީ ސްޓްރޯކެއްޖެހި ހޭ ނެތިފައެވެ. ނުވަތަ ކޯމާއަކަށް ގޮސްފައެވެ.

ފްލައިޓް އިމަރޖެންސީގައި އެންމެ ކައިރި އެއާޕޯޓަށް ޖެއްސިއެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދިއައެވެ. ހޭ އެރީ ހަފްތާއެއްހައި ދުވަސް ފަހުންނެވެ. ނަމަވެސް މާޒީ އެކުގައި ހަނދާން ނެތިފައިވާތީ އަންބަކު ހުންނަކަމެއް އޭނާއަކަށް ނުއެނގުނެވެ. އަދި ކައިރީގައި ޚިދުމަތްކުރަން ހުރީ ކާކުކަމެއްވެސް ނުއެނގުނެވެ.

ހަލީމާ އޭނާގެ އުންމީދު ކަނޑައެއް ނުލައެވެ. ފިރިމީހާ ހުސައިން ހޭއެރުމުން ރަށަށް ގެންގޮސް އެފަދަ ބަލިމީހުންނަށް ޚާއްޞަ ހޮސްޕިޓަލެއްގައި ބާއްވައިގެން ދިއައީ ޚިދުމަތްކުރަމުންނެވެ.

ދަރިފުޅު އުފަންވުމުން ގޮވައިގެންގޮސް ދެއްކުމުންވެސް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އޭނާއަށް ދަރިއަކުލިބުނުކަން އޭނާއަކަށް ނުއެނގެނުވެ. ބުނެދިނުމުން ސަމާލުކަމެއް ވެސް ނުދެއެވެ. އަޑުއެހުމުގެ ޝައުޤުވެރިކަމެއްވެސް ނެތެވެ.

އެކަމުގެ ސަބަބުން ތުއްތު ދަރިފުޅަށް މާޔޫސްކަން ލިބެއެވެ. ބައްޕަގެ ލޯބި އެއްވެސް ވަރަކަށް ނުލިބުމުން އެކަން އިހްސާސްކުރެވޭތީއެވެ.

އެކަންކަން ވެސް ޙަލީމާ ދިއައީ ފޫ ބައްދަމުންނެވެ. ޙަލީމާ ދިއައީ ބައްޕަގެ ލޯބިވެސް ދަރިފުޅަށް ދިނުމަށް ގަދައަޅައި މަސައްކަތްކުރަމުންނެވެ.
މިދިއަ ހުކުރު ދުވަހު ހަވީރު ޙަލީމާ ހޮސްޕިޓަލަށް ދިއައީ ވެސް އެހެން ދުވަސްތައް ފަދައިން ފިރިމީހާގެ ހާލު ބަލައި އެހީތެރިވުމަށެވެ. 3 އަހަރު ފުރެން ކައިރިވެފައިވާ ދަރިފުޅުވެސް ގޮވައިގެންނެވެ.

ހުސައިން އޮތީ އެނދުގައެވެ. ހަލީމާ ދަރިފުޅު ނަގައި ފިރިމީހާގެ އަތްދަނޑިމަތީގައި ބޭއްވިއެވެ. އެހެން ދުވަސްތައް ފަދައިން އެދުވަހު ކުއްޖާ އާއި ދުރުވާން ޙުސޭނު މަސައްކަތެއް ނުކުރެއެވެ. ކުއްޖާއަށް ބަލަހައްޓައިގެން މަޑުމަޑުން އޮތީއެވެ.

ހަލީމާ އަށް ހައިރާންކަމެއް ލިބުނެވެ. ބަދަލުތަކެއް އެބަ އަންނަކަން އިޙްސާސްކުރެވުނެވެ. ވަރަށް ބޮޑަށް އުފާވިއެވެ. ކޮންމެވެސް ވަރެއްގެ އުންމީދުތަކެއް ލިބުމުންނެވެ.

ކުއްލިއަކަށް ޙުސައިނު ޙަލީމާއަށް ބަލައިލިއެވެ. އަދި ބުނަން ފެށިއެވެ. "ޙަލީމާ- ޙަލީމާ- އަހަރެން މިތާ ބާއްވާފަ މިއޮތީ ކީއްވެ؟ މިއީ އަހަރެމެންނަށް ލިބުނު ދަރިފުޅުތަ؟"

3 އަހަރަށްފަހު ޙުސައިނަށް ވިސްނުމުގެ ބާރު މާތް ﷲ އަނބުރައި ދެއްވެވީއެވެ. މިއީ ޑޮކްޓަރުން އުންމީދުކުރި ކަމެއްވެސް ނޫނެވެ. ޑޮކްޓަރުން ބުނަމުން އައީ ހުސައިނުގެ ސިކުނޑީގެ ގިނަ ސެލްތަކެއް މަރުވެފައިވާ ކަމަށާއި އަލުން ސެލްތަކަށް ދިރުން ލިބުމަކީ ނާދިރު ކަމެއް ކަމަށެވެ.

ޑޮކްޓަރުން އުންމީދު ނުކުރި ނަމަވެސް ޙުސައިނުގެ ހާލަތު ބަދަލުވުމުން އެކަމަށް މަރުހަބާކިޔައި ހަލީމާގެ އެދުމަށް ޙުސައިން ގެއަށް ފޮނުވީ އެއްވެސް ބަދަލެއް އަންނަނަމަ އަވަހަށް ފަރުވާ ހޯދަން ނަޞޭޙަތްތެރިވެފައެވެ.

އެރޭ ނިދަން ތިބެގެން ހުސައިން ސުވާލުކުރަމުން ދިއައީ ފާއިތުވި 3 އަހަރު ޙަލީމާ ދިރިއުޅުނު ގޮތާއިމެދުގައެވެ. ހޮސްޕިޓަލަށާއި އެހެންކަންކަމަށް ޚަރަދުކުރާނެ ފައިސާ ހޯދި ގޮތަކާއިމެދުގައެވެ. އިތުރު ލޯބިވެރިއަކު ހަމަ ނުހޯދަންތޯއެވެ. ދެމިހުރީ ހަމަ ހުސައިނުގެ ޙައްޤުތައް ރައްކައުތެރިކޮށްގެން އިއްފަތްތެރިކަމާއިއެކުގައިތޯއެވެ!

ހުސައިނުގެ ހިތުގައި މި ސުވާލުތައް ބޮޑުވީ ޙަލީމާ އަކީ އާދައާއި ޚިލާފަށް ރީތި އަންހެނަކަށްވާތީއެވެ. ގިނަ ބައަކު އަބަދުވެސް ޙަލީމާއަށް ކަޅިއަޅަމުން އަންނާތީއެވެ.

ޙަލީމާ ވަރަށް ފަރުވާތެރިކަމާއިއެކު ކިޔައިދިނެވެ. "އަހަރެން ހަމަ ވަޒީފާ އަދާކުރީއެވެ. ވިހައި ގަދަވިތަނާ ޕްރަމޯޝަނެއްވެސް ލިބުނެވެ.

މުސާރައަށްވެސް ކުރިއެރުމެއް ލިބުނެވެ. އިތުރަށް ބޭނުންވާ ފައިސާ ހޯދީ ކާފަގެ އަތުން ލިބިފައިހުރި ފްލެޓް ކުއްޔަށް ދީގެންނެވެ. އެވަރުންވެސް ނުފުދުނު ކަންކަމުގައި ޙުސައިނުގެ މައިންބަފައިންގެ އެހީތެރިކަމާއި އަހަރެންގެ މައިންބަފައިންެގެ އެހީތެރިކަން ވެސް ލިބުނެވެ.

ޙުސައިން އެވެ. ކުރިން އަހަރެމެން ދީނުގެ ކަންކަމަށް އެހައި ބޮޑު ސަމާލުކަމެއް ނުދެމުއެވެ. ނަމަވެސް ދެން ނަމާދެއް ދޫނުކުރުމަކީ އަހަރެންގެ އެންމެ ބޮޑު އެދުމެވެ. ހުސައިންއެވެ. ހުރިހައި ކަންކަން ހަމަޖެހިގެން މިދިއައީ ހަމަ މާތް ﷲ ގެ ދީލަތިވަންތަކަމުންނެވެ. ހުސައިނުއެވެ. ވިހައި ގަދަވިފަހުން ކޮންމެ ހޯމަ، ބުރާސްފަތި ދުވަހަކު ހުރީ ރޯދައަށެވެ. ނަމާދުކުރެވޭ ހާލަތުގައި ހުރިނަމަ ދަންވަރު ތެދުވެ ނަމާދުކޮށް ކީރިތި ޤްރްއާން ކިޔަވައި މާތް ﷲ އަށް ދުޢާ ނުކުރާ އެންމެ ރެއެއްވެސް ފާއިތުވެފައެއް ނުވާނެއެވެ. ނަމާދު ނުކުރެވުނު ނަމަވެސް ދެއަތް އުފުލައި ދުޢާ ނުކުރާ ހަމަ އެންމެ ރެއެއްވެސް ފާއިތުވެފައެއް ނުވާނެއެވެ."

ޙަލީމާގެ ވާހަކަތައް އަޑުއަހަން އޮތްއިރު ޙުސައިނުގެ ތަލިން ވަނީ ކުޅު ހިކިފައެވެ. ބުނާނެ ބަހެއް ނުވެސް ވިސްނުނެވެ. ހަމައެކަނި ކުރެވުނު ކަމަކީ ލޯބިން ބައްދައިލުމަށްފަހު ގިސްލާ ރޯންފެށުމެވެ.

މިއީ މިދިއަ ހުކުރު ދުވަހު އޮމާންގެ ރަށެއްގައި ހިނގާފައިވާ ހާދިސާއެއް ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން