އޮޓާވާ ކެނެޑާގައި ހުރި ދުވަސްވީ މީހުން ބަލަހައްޓާ ގެއެއްގައި، އުމުރުން ދުވަސްވީ މީހަކާއި ދިމާލަށް ބޭއަދަބީ ބަސްތައް ބޭނުން ކޮށްގެން ނަރުހަކު މުޚާތަބު ކުރާކަން، އެއަންހެން މީހާގެ އަންހެން ދަރިފުޅަށް ފަޅާއަރައިފިއެވެ.
ޑަޔާނާ ޕެޕިން ސީބީސީ ނިއުސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފަހަކަށް އައިސް އޭނާގެ މަންމައަށް ޒިޔާރަތް ކުރަން ދާއިރު، މަންމަގެ ހަށިގަނޑު ނިކަމެތިވަމުން އަންނަކަމާއި ހަށިގަނޑުގެ ބައެއް ތަންތަން ނޫފައިގެންފައި ހުންނަކަން ފާހަގަވުމުން، އަދި މަންމަގެ އަނގައިން ބޭރުވާ ދަވަތައް ބޭރުކުރުމަށް ގެންގުޅޭ ތަށިގަނޑުވެސް ސާފުނުކޮށް ހުންނަކަން ފާހަގަވުމުން، އެގެއިން މަންމަ ބަލަހައްޓަނީ ކިހިނެއްތޯ ހޯދުމަށް އޭނާ މަންމަގެ ކޮޓަރީގައި ކެމެރާ ހަރުކުރި ކަމަށެވެ.
އޭނާއަަށް އެވީޑިއޯއިން ފެނުން މަންޒަރަކުންނާއި އިވުނު އަޑަކުން ކުއްލި ސިހުމެއް ލިބުނު ކަމަށް ޑަޔާނާ ބުންޏެވެ.
ޑަޔާނާގެ މަންމަ ވަޔޯލާ ބެލުމަށް ހަވާލުވެގެން ހުންނަ ނަރުހެއް، ވަޔޯލާ އާއި ދިލާމަށް ހަޑިހުތުރު އެއްޗެހި ގޮވާ "މަރުވެ ބަލާށޭ" ބުނާ އަޑު އެވީޑިއޯއިން އިވެއެވެ.
ޑަޔާނާ ބުނިގޮތުގައި، އޭނާގެ މަންމަގެ ސިކުނޑިއަށް ލިބުނު ގެއްލުމަކާއި ގުޅިގެން ވަޔޯލާއަށް އެއްވެސް ހަރަކާތެއް ނުކުރެވެއެވެ. އަދި ވާހަކައެއް ވެސް ނުދެއްކެއެވެ. ނަމަވެސް އެހެން މީހުން ދައްކާ ވާހަކަ ވަޔޯލާއަށް އެނގި އިޙުސާސު ކުރެވޭ ކަމަށް ޑަޔާނާ ބުންޏެވެ.
"އަހަރެންގެ މަންމަ ކޮންމެ ދުވަހަކު އެނދަށް އަރުވާ، ނިންދަވާ އެހަދަނީ މިއަންހެން މީހާ. މިއީ މަންމައަށް ލިބުނު ވަރަށް ބޮޑު އަނިޔާއެއް" ޑަޔާނާ ޕެޕިން ބުނެފައިވެއެވެ.
މިމައްސަލަ ފެންމަތިވުމުން، އެނަރުހާއި އިތުރު ދެ ސޯޝަލް ވޯކަރަކު ވަނީ ވަޒީފާއިން ވަކި ކޮށްފައެވެ. އަނެއް ދެ މީހުން ވަޒީފާއިން ވަކިކުރީ، ނަރުސް މީހާ އެފަދައިން ކަންތައް ކުރާކަން އެނގިހުރެ ވެސް އެކަން ރިޕޯޓު ނުކުރުމުން ކަމަށް މައުލޫމާތު ލިބިފަވެއެވެ.