އިންޑިއާގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް އެރި ހިރަފުހުގެ ތޫފާނެއްގައި 77 މީހުން މަރުވެ 143 މީހުން ޒަހަމްވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ އިންޑިއާގެ ރަޖަސްތާނަށާއި އުއްތަރަ ޕްރަދޭޝްއަށް އެރި އެ ހިރަފުހުގެ ތޫފާނުގައި ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގަސްތައް ލުހި، ގެތައް ވެއްޓި، އިމާރާތްތަކުގެ ފާރުތައް ވެއްޓި، އަދި އެތައް ޖަނަވާރުތަކެއްގެ މަރުވެގެން ގޮސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެ ގޮތުން، 150 އެއްހާ ޖަނަވާރުން މަރުވެގެން ގޮސްފައިވާކަމަށް ޚަބަރުތައް ލިބެއެވެ.
އަދި މި ތޫފާނުގައި މަރުވެގެން ދިޔައީ ވައި ބާރުވުމުގެ ސަބަބުން ވެއްޓުނު ގަސްތަކާއި ވެއްޓުނު އިމާރާތްތަކުގެ ފާރުގައި ދަށުވި މީހުންކަމަށް ޚަބަރުތައް ލިބެއެވެ.
ރަޖަސްތާނުގެ ޗީފު މިނިސްޓަރު ވަސުންދަރާ ރާޖޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިރަފުހުގެ ތޫފާނު އަރައި ގެއްލުން ލިބިފައިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު އޮފިޝަލުން ފޮނުވާފައިވާކަމަށެވެ. ގެއްލުން ލިބިފައިވާ ސަރަހައްދުތަކަށާއި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަށް ފޯރުކޮށްދިނުމަށް އޮފިޝަލުންނަށް އަންގާފައިވާކަމަށް އުއްތަރަ ޕްރަދޭޝްގެ ޗީފު މިނިސްޓަރު ޔޯގީ އަދަތިޔަނާތު ވެސް ވަނީ ވިދާޅުވެފައެެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ޓްވީޓެއް ކުރައްވައިފައެވެ. އަދި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުންތަކެއް ފޮނުވާފައިވާކަމަށް މޯދީ ވެސް އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައެވެ.