އުރީދޫއިން ރާއްޖެއަށް ޚާއްސަކޮށް ނެރޭ 3ވަނަ ވައިބަރ ސްޓިކަރ ޕެކްގެ ގޮތުގައި "ފުޓުބޯޅަ" ސްޓިކަރ ޕެކް މިއަދު ތަޢާރަފްކޮށްފިއެވެ. މިފަހަރުގެ ސްޓިކަރ ޕެކްގައި ހިމަނާފައިވަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފުޓުބޯޅަޔާ ގުޅުން ހުރި ގޮވެލިތަކެވެ.
"ފުޓުބޯޅައަކީ އަބަދުވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއް. އެންމެ ކުޑައިރު އާއިލާ އާއި އެކުވެރިންނާއި އެކު މަގުމަތީފައި ފުޓުބޯޅަ ކުޅެން އުޅުނު ޒަމާނުންފެށިގެންގޮސް، ތަފާތު ފުޓުބޯޅަ މެޗުތަކުގައި ބައިވެރިވި ހިނދުގައި، އަދިދުނިޔޭގެ އެންމެ ބޮޑެތި ފުޓުބޯޅައިގެ މުބާރާތްތަކާއި ލީގުތައް ކުރިޔަށް ދާ ގޮތް ކައިރިން ބަލަމުންދާ އިރުގައިވެސް އަޅުގަނޑުމެން ދިވެހިން އާންމުކޮށް ބޭނުންކުރާ ބަސްތަކެއް އެބަހުރި. "ފުޓުބޯޅަ" ސްޓިކަރ ޕެކް މެދުވެރިކޮށް، ވައިބަރ އަށް މި ބަސްތައް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސްޓިކަރތަކުގެ ސަބަބުން ފުޓުބޯޅައިގެ ވާހަކަތައް ވަރަށް ތަފާތުގޮތަކަށް ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ޔަގީންކުރަން." ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވިއެވެ.
ފެށުނީއްސުރެ ވައިބަރގައި ތައާރަފްކުރެވުނު ސްޓިކާ ސެޓްތަކާއި އެއްފަދައިން، "ފުޓުބޯޅަ" ސްޓިކާ ސެޓްވެސް މައިގަނޑުގޮތެއްގައި ފަރުމާކުރެވިފައިވަނީ ދިވެހި ބަހުންނެވެ. މީގެ ތެރޭގައި "ގޯލް"، "ހިނގާ ކުޅެން ދާން؟"، "އަދި ޖަހާނެ"، "ފައިބާ"، "ބޮޑު ބޯޅަ"، "ތަށި ނަގާނަން މިފަހަރު"، މިފަދަ ލަފްޒުތައް ހިމެނެއެވެ. "ފުޓުބޯޅަ" ސްޓިކާސެޓް އިތުރު އެއްވެސް އަގަކާ ނުލާ ވައިބާ ސްޓިކާ މާކެޓުން، އަދި މި ލިންކް މެދުވެރިކޮށް ޑައުންލޯޑު ކުރެއްވޭނެއެވެ.
މަގްބޫލު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ބަހުރުވަޔާއި، އާދަކާދަތަކާއި، ދިވެހިންނާއި ގުޅުންހުރި ތަފާތު ކޮންޓެންޓް ހިމެނުމަކީ އުރީދޫއިން ވަރަށްވެސް އިސްކަންދޭކަމެކެވެ. މިގޮތުން، ވައިބާ އަދި އެހެނިހެން ޕާޓްނަރުންނާއި ގުޅިގެން، ދިވެހި ރަހަތައް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކަށް ގެނައުމަށް ކުރިއަށްއޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނެއެވެ.
މީސްމީޑިއާގައި ޚިދުމަތްފޯރުކޮށްދޭ އުރީދޫގެ ސުމޭކީ މަދަދުގާރު ކަމަށްވާ އުރީދޫ ނެކްސްޓް ވެސް ވަނީ ދާދި ފަހުން ވައިބަރގައި ތައާރަފްކޮށްފައެވެ. އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމް އެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް،ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބަރ ފަދަ މީސްމީޑިއާގައި އުރީދޫ އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ޚިދުމަތް ހޯދޭނެއެވެ.
ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމުގައި ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ގެނެސްދީ، ތަފާތު އުފާވެރި ތަޖުރިބާތަކާއި ގުޅުވާލަދިނުމަށް، އުރީދޫ އިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.