އަމިއްލަ ޓައިމް ޒޯނެއް ހަދައިގެން އުޅުނު އުތުރު ކޮރެއާއިން އަލުން ދެކުނު ކޮރެއާގެ ގަޑިއާ ހަމަކޮށް، ރޭ މެންދަމު އެކަން ރަސްމީކޮށް ހާމަކޮށްފިއެވެ.
މީގެ ކުރިން ވެސް އެއް ގަޑިއެއްގައި އޮތް ދެކުނު ކޮރެއާއަށްވުރެ ބައި ގަޑިއިރު ލަސްކޮށް އުތުރު ކޮރެއާގެ ޓައިމްޒޯން ހެދީ 2015 ވަނަ އަހަރުގައެވެ.
2015 ވަނަ އަހަރުގައި އުތުރު ކޮރެއާއިން އެ މީހުންގެ ޓައިމްޒޯން ގަޑި ބަދަލުކުރީ ޖަޕާންގެ އިސްތިއުމާރުގެ ދަށުން ދެ ކޮރެއާ މިނިވަންވިތާ 70 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށެވެ. އުތުރު ކޮރެއާއިން އެއިރު ބުނި ގޮތުގައި، ގަޑި ބަދަލުކުރުމުގެ ފިޔަވަޅު އެޅީ ޓޯކްޔޯގެ ޓައިމްޒޯނާ އެއްގޮތަށް ކަނޑައެޅޭ ގަޑިއަކަށް ތަބާނުވުމަށް ކަމަށެވެ.
ތިން އަހަރަށް ފަހުގައި އުތުރު ކޮރެއާއިން އަލުން ދެކުނު ކޮރެއާގެ ގަޑިއާ ހަމަކުރަން ނިންމާފައިވަނީ، ދެ ކޮރެއާގެ ލީޑަރުން ބޭއްވި ތާރީޚީ ބައްދަލުވުމަށްފަހު، ދެ ކޮރެއާގެ ދެމެދުގައި ގުޅުން ރަނގަޅުކުރުމަށް ފެށި މައްސަކަތުގެ ތެރޭގައި ހިމަނައިގެންނެވެ.
އެއް ޤައުމެއްގެ ގޮތުގައި އޮތް ކޮރެއާ، ދެ ޤައުމަކަށް ބެހިގެން ދިޔައީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ޖަޕާންގެ އިސްތިއުމާރުގެ ދަށުން އެ ޤައުމު ސަލާމަތްވުމަށްފަހުގައި، ދެ ސަރަހައްދުގެ މީހުންގެ މެދުގައި ހިނގައި ދިޔަ ކަންތައް ގަނޑަކަށް ފަހުގައެވެ.