ސައުއަރަބިޔާއަށް ބޮޑު ބަދަލެއް ގެނެސް ދެޖިންސުން މަސްހުނިވުން ހުއްދަކުރުމާއެކު ނަމާދު ވަގުތަށް ވިޔަފާރިތައް ބަންދުކުރުން ނިމުމަކަށް ގެނައުމަށް ޤަރާރެއް އެކުލަވާލައިފިއެވެ.
ނޫސްވެރިންނަށް ކޮޕީ ލިބިފައިވާ 236 ޞަފްޙާގެ މި ލިޔުމުން ބައެއް މިހާރު ވަނީ ހިފަހައްޓައިފައެވެ. ބުނެފައިވަނީ ފަހުން ހާމަކުރާނެ ކަމަށެވެ. ހިފެހެއްޓީ ކޮން ބައިތަކެއްކަން އަދި ސާފެއް ނުވެއެވެ. މިކަމާއި ގުޅިގެން ޢާންމުކުރި ކަރުދާހުގައި ވަނީ މިއީ 2030 ގެ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ޤައުމަށް ގެންނަ އިޞްލާޙީ ބަދަލުތައް ކަމަށެވެ.
ނަމާދަށް ގޮވުމުން މަސައްކަތްހުއްޓާލާފައި ނަމާދުކުރުމަށް އަންގަވައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކުރައްވަވާފައިވާ ޙަދީޘްފުޅުތައް ފެންނަން އެބަހުއްޓެވެ. ދީނީ ޢިލްމުވެރިން ގެންދަވަނީ އެކަމަށް ބާރުއަޅުއްވަމުންނެވެ.
ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ނަމާދު ވަގުތަށް ފިހާރަތައް ބަންދުކުރުމަކީ މިހައި ތަނަށް ސައުދިއަރަބިޔާގައި ކުރަމުން އައި ރަނގަޅު ކަމެއް ކަމަށާއި ކުރަމުން އައި ރަނގަޅުކަމެއް ކުރުން ހުއްޓާލުމަކީ ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
ބަންގި ގޮވުމުން ފިހާރަތާއި ރެސްޓޯރަންޓް އަދި ސައިހޮޓާ ފަދަ ރާއްޖޭގައި ހުރި ތަންތަން 15 މިނިޓް އިރަށް ބަންދުކުރުމުގެ އަމުރެއް ދިވެހި ސަރުކާރުން ނެރުނީ ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅުގައެވެ. އެކަމަށް ބާރުއަޅުއްވައި ލިޔުމެއް ހާމަކުރެއްވީ މަޝްހޫރު ހިސާބު ޢިލްމުވެރިޔާ ޢަލީ މާހިރެވެ. ހުރިހާ މިސްކިތެއްގައި ތާޅަފިލި ހަރުކޮށް ބަންގީގެ އަޑު ގަދަ ކުރުމަށްވެސް ގޮވާލެއްވީ ޢަލީ މާހިރެވެ.
ބައެއް ފިހާރަތަކާއި ހޮޓާތަކުން އެ ޤަވާއިދަށް ފުރިހަމައަށް މިހާރު އަމަލު ނުކުރި ނަމަވެސް އަދިވެސް އެ ޤަވާއިދަށް ރާއްޖޭގައި ދަނީ ޢަމަލުކުރަމުންނެވެ. އެ ޤަވާއިދު އުވާލާފައެއް ނުވެއެވެ.