އެމްއެމްއޭގެ މިދިޔަ އަހަރުގެ ފައިދާ 99 އިންސައްތަ އިތުރު

ކިޔުމަށް ހޭދަވާނީ 1މ 15ސ
އެމްއެމްއޭގެ މިދިޔަ އަހަރުގެ ފައިދާ 99 އިންސައްތަ އިތުރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ، ކުރީ އަހަރުގެ ސާފު ފައިދާއަށްވުރެ 99 އިންސައްތަ އިތުރުވެއްޖެއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު ކަމަށްވާ އެމްއެމްއޭއިން ނެރެފައިވާ މާލީ ބަޔާނުގައިވާ ގޮތުން، އެމްއެމްއޭއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 148،794،762 ރުފިޔާ ލިބިފައިވާކަމަށެވެ. 2016 ވަނަ އަހަރުގައި އެމްއެމްއޭއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 74،655،479 ރުފިޔާއެވެ. އެހެންވެ، ކުރީ އަހަރުގެ ސާފު ފައިދާއަށްވުރެ، މިދިޔަ އަހަރު ލިބުނު ސާފު ފައިދާއަކީ 99 އިންސައްތަ އިތުރު އަދަދެކެވެ.

އެމްއެމްއޭގެ ގަވަނަރު އަހުމަދު ނާސިރާއި ބޯޑު ޑިރެކްޓަރު މުހައްމަދު ޢަލީ ޖަނާހު ސޮއިކުރައްވާ ނެރުނު އެ ބަޔާނުގައިވާ ގޮތުން، މަރުކަޒީ ބޭންކުގެ ދަރަނީގެ ގޮތުގައި ހުރި އަދަދު 17 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ. އަދި ބޭރު ފައިސާގެ ދަރަނީގެ ގޮތުގައި ހުރި އަދަދު 6.5 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ.

އެމްއެމްއޭއިން ހިންގުމުގެ ޚަރަދުގެ ގޮތުގައި މިދިޔަ އަހަރު ޚަރަދުކޮށްފައިވަނީ ގާތްގަނޑަކަށް 165.9 މިލިއަން ރުފިޔާއެވެ. 2016 ވަނަ އަހަރު ބޭންކުގެ ހިންގުމަށް ޚަރަދުކޮށްފައިވަނީ ގާތްގަނޑަކަށް 164.3 މިލިއަން ރުފިޔާއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު އުފައްދާފައިވަނީ 1981 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި ރުފިޔާގެ އަގު ކަނޑައެޅުމާއި، ބޭންކިން އަދި މަނިޓަރީ މުއާމަލާތްތަކުގެ އުސޫލުތައް ކަނޑައަޅަނީ ވެސް މަރުކަޒީ ބޭންކު އެމްއެމްއޭ އިންނެވެ.
މިއަދު އޮންލައިން