އެމެރިކާގެ ފްލޮރިޑާގެ ކޯޓުގައި އިއްޔެ ކުރިއަށް ގެންދިއަ ޝަރީއަތުގެ އަޑު އެހުމުގައި ގްލޯރިއާ ބުނީ އޭނާ ކުއްޖަކު ކިޑްނެޕްކުރީ ކަމަށް ޕީޖީ ބުނާ ބުނުމާއި ދެކޮޅު ހަދާ ކަމަށެވެ. ނަމަވެސް ކުއްޖަކު ވަގަށް ނަގައިގެން ބަލައި ބޮޑުކުރިކަމަށް އެއްބަސްވާ ކަމަށެވެ.
ގްލޯރިއާ ބުނީ އޭނާ ބަލަމުން ދިއަ ދެ ދަރިން ބައްޕަ އަތުލުމުން މޮޔަވި ކަމަށެވެ. އަދި އެކަން ފޫބައްދަން ނަރުހަކާއި ގުޅައިގެން ކުއްޖަކު ވަގަށް ނެގީ ކަމަށެވެ. "ކިޑްނެޕެއް ނުކުރަން. ކިހިނެއް އުފަންވާ ވަގުތު ކުއްޖަކު ކިޑްނެޕްކުރާނީ؟ ނަރުސް ކުއްޖާ ކޮތަޅަކަށްލާފަ ކުއްޖާ ދިނީމަ އަހަރެން ބާރަށް ދުވެ ފިލީ. ގެންގޮސް ވަރަށް ލޯބިން ވަރަށް އަމާނާތްތެރިކަމާއިއެކު ވަރަށް ލޯބިން ބަލައި ބޮޑުކުރީ."
ގްލޯރިއާ ކުއްޖާ ވަގަށް ނެގީ 1998 ވަނަ އަހަރުއެވެ. މައްސަލަ ޖެހުނީ ކުއްޖާ ޑްރައިވިންގ ލައިސަންސް ނަގަން އުޅުމުން އުފަން ދުވަހުގެ ސެޓުފިކެޓް އަތުގައި ނެތުމުން ލައިސަންސް ލިބޭ ގޮތް ނުވެގެން ރައްޓެއްސަކަށް ވާހަކަ ކިޔައިދިނުމުންނެވެ. ކުއްޖާއަށް ގްލޯރިއާ އަކީ އޭނާގެ އަސްލު މަންމަ ނޫންކަން އެނގުނީ ފުލުހުން ބުނުމުންނެވެ.