ނަމަވެސް، ތުއްތު ކުއްޖެއްގެ ފޮޓޯ ފެނުމުން އެކުއްޖާއަށް ފާޑުކިޔާ މަލާމާތް ކުރާނީ ފާޑު ކިޔުމުގައި ވެސް އަރާހުރި މީހުން ކަމަށް ވެދާނެއެވެ.
އޮހައިއޯ އަށް އުފަން ޒޯއީ ސެމްޝަކްގެ އުމުރުން އެއް އަހަރުގެ ތުއްތު އަންހެން ދަރިފުޅުވަނީ މިފަދަ ބައެއްގެ ޝިކާރައަކަށް ވެފައެވެ.
ޒޯއީ ބުނިގޮތުގައި އޭނާގެ ފިރިމީހާ އެއްދުވަހު އެމީހުންގެ އަންހެން ދަރިފުޅުގެ ފޮޓޯ ސޯޝަލް މީޑިއާގައި (ޕަބްލިކަށް ލާފަ) ހިއްސާ ކުރުމުން، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފެނުނީ އެދެމަފިރިންގެ ދަރިފުޅަށް ނުދަންނަ މީހުންވެސް ފާޑުކިޔާ އޭނާ އެދަރިފުޅު ބަލާ ގޮތާއިމެދުވެސް ފާޑުކިޔާފައިވާ މަންޒަރެވެ.
"ކުޑަކުޑަ ހިނދުކޮޅެއް ނެގީ. ދަރިފުޅަކީ ފަލަ ކުއްޖެއް ކަމަށް ބުނެ، އަހަރެން އެދަރިފުޅު ރަނގަޅަށް ނުބަލަހައްޓާ ކަމަށް ވެސް ބުނެ އެތައް ބަޔަކު ކޮށްފައި ހުރި. އޭނާ އެހާ ފަލައީ ކީއްވެތޯ އަހާ، ކާންދެނީ ކޯޗެއްތޯ ވެސް އަހާފައި ހުރި" ޒޯއީ ކިޔާދީފައިވެއެވެ.
ދަރިފުޅާއި ދިމާލަށް ފާޑުކީ މީހުންނަށް ރައްދު ދެމުން ޒޯއީ ބުނެފައިވަނީ، އޭނާގެ ދަރިފުޅުގެ ސިއްޙަތު ރަނގަޅު ކަމަށާއި ދަރިފުޅު ހެޔޮ ގޮތުގައި ބެލެހެއްޓުމަކީ އޭނާގެ ޒިންމާއެއްކަމަށްވާއިރު، އެކަމާ އެހެން މީހުން ވިސްނާ ފާޑު ނުކިޔުމަށެވެ.
ނަމަވެސް މިފަދަ ރައްދަކުން ވެސް ފާޑުކިޔާ މީހުން ނުހުއްޓުވުނެވެ.
"އޮސްޓްރޭލިއާގައި ހުންނަ އަހަރެންގެ ރައްޓެއްސަކު އެއްދުވަހު އަހަންނަށް ގުޅާފައި ބުނީ އަހަރެންގެ ދަރިފުޅުގެ ފޮޓޯ ނިއުސް ސައިޓެއްގެ އާޓިކަލް އެއްގައި ހިމަނާފައިވާ ކަމަށާއި އެއާޓިކަލްގައި ލިޔެފައިވަނީ ފަލަކޮށް ތިބޭ ތުއްތު ކުދިންނާއި ބެހޭ ގޮތުން ކަމަށް. ވަގުތުން އަހަރެން އެ ނިއުސް ސައިޓަށް ގުޅާފަ ދަރިފުޅުގެ ފޮޓޯ ނެގުމަށް ބުނިން. އެކަމަކު އެމީހުން އެކަމެއް ނުކުރި. ދެން އަހަރެން އެއާޓިކަލް ހޯދަން ވެގެން ގޫގަލް ސަރޗްގައި 'ޓޮޑްލަރ ފެޓް ޝޭމިންގ" ޖެހުމުން، އަހަރެންގެ ދަރިފުޅުގެ ފޮޓޯ ބޭނުން ކޮށްގެން ލިޔެފައި ހުރި ބައިވަރު އާޓިކަލްތައް ފެނުން. އަހަންނަށް ލިބުނީ ކުއްލި ޝޮކެއް. އެއާޓިކަލްތަކުގެ ކޮމެންޓުތައް ކިޔާލިއިރު ގިނަ މީހުން ހުރީ އަހަރެންގެ ދަރިފުޅާ ދިމާލަށް ފަލައޭ ކިޔާ، އަހަންނަކީ ޒިންމާދާރުކަން ކުޑަ މައެއްކަމުގައި ވެސް ބުނެފަ" އިންޓާވިއުއެއްގައި ޒޯއީ ކިޔާދީފައިވެއެވެ.