ރަމަޟާން މަހަށްޓަކާ ދުބާއީ ސަރުކާރުން 75 މިލިއަން ދިރުހަމް ހޭދަކޮށް 15،000 ބާވަތުގެ މުދަލުގެ އަގުހެޔޮކުރުވައިފިއެވެ. ޢާންމުން ރޯދަ މަހު ބޭނުންކުރާނެ ގިނަ ބާވަތްތަކުން ވަނީ 75 އިންސައްތަ އަގުހެޔޮކުރުވައިފައެވެ.
ދުބާއީގެ ރޫލަރ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްތޫމް ޔޫނިއަން ކޫޕަށް ބަޖެޓު ދެއްވީ ރޯދަމަހަށްޓަކައި ރައްޔިތުންނަށް އެންމެ އަގުހެޔޮ ކުރަންވީ ބާވަތްތަކާއި ނިޞްބަތް ބަޔާންކުރާ ލިސްޓަކާއިއެކުގައެވެ.
މި ބަޖެޓުގެ ތެރެއިން ޔުނިއަން ކޫޕުގެ ފިހާރަތަކާއި އެ ކޯޕޮރޭޝަނާއި ގުޅިގެން ހިންގާ ފިހާރަތަކުންވެސް ހެޔޮ އަގުގައި މުދައު ލިބޭނެއެވެ.
ޝާރުޖާގެ ސަރުކާރުންވެސް ވަނީ ޝާރުޖާ ކޯޕޮރޭޓިވް ސޮސައިޓީ މެދުވެރިކޮށް 30 މިލިއަން ދިރުހަމްގެ ބަޖެޓެއްދީ 1،000 ބާވަތެއްގެ މުދައު އަގުހެޔޮކުރުވައިފައެވެ.
ދުބާއީ އަދި ޝާރުޖާގެ ސަރުކާރުން ބަޖެޓު ދިނީ މުދައު އަގުހެޔޮކުރުމުން ކޯޕޮރޭޝަންތަކަށް ލިބޭނެ މާލީ ގެއްލުން ފޫބެއްދުމަށެވެ.
އަދި މިހައިތަނަށް މުސްލިމް އުންމަތަށް ލިބިފައިވާ މިފަދަ ޚަބަރުތަކަށް ބަލާއިރު ދުބާއީގެ ރޫލަރ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްތޫމް ރަމަޟާން މަހަށް ވެސް ސާބިތުކޮށްދެއްވީ އެންމެ ދީލަތި ރައްޔިތުންނަށް އެންމެ އޯގާތެރި މުސްލިމް ލީޑަރުކަމެވެ.