އުރީދޫ މޯލްޑިވްސް ޤާއިމުކުރަން ކުރާ މަސައްކަތާއެކު އުރީދޫ ބާރު ދުވެލީގައި ކުރިއަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 57ސ
އުރީދޫ މޯލްޑިވްސް  ޤާއިމުކުރަން ކުރާ މަސައްކަތާއެކު އުރީދޫ ބާރު ދުވެލީގައި ކުރިއަށް
އުރީދޫ މޯލްޑިވްސް ގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ(އޭޖީއެމް) ވަނީ ރޭ (6 މެއި 2018، އާދީއްތަ) ދުވަހުގެ ރޭ، 8:30 ގައި ހޮޓެލް ޖެންގައި ބާއްވާފައެވެ.

މި އޭޖީއެމްގައި ޖުމްލަ 89 ހިއްސާދާރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރެއިން 23 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށައަޅައިގެން ބައިވެރިވެފައިވާ ފަރާތްތަކެވެ. އަދި 66 ހިއްސާދާރުންވަނީ ހޮޓެލް ޖެންއަށް ވަޑައިގެން އޭޖީއެމްގައި ބައިވެރިވެފައެވެ. އޭޖީއެމްގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްދެއްވާފައި ވަނީ، 135،304،207 (ސަތޭކަ ތިރީސް ފަސް މިލިއަން، ތިންސަތޭކަ ހަތަރުހާސް ދުއިސައްތަ ހަތް) ހިއްސާއެވެ.

މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވާފައިވަނީ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީގެ ޗެއަރމަން، ޑޮކްޓަރ އޭ ހާމިދު މޯޑް އޭ މަރާފީއެވެ. މި ޖަލްސާ ފައްޓަވައިދެއްވަމުން، ޑޮކްޓަރ މަރާފީ ވިދާޅުވެފައިވަނީ "2017 ވަނަ މާލީ އަހަރު ވަރަށް ރަނގަޅު. އަހަރީ އާމްދަނީ އަދި ފައިދާ ދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން. މި ކުރިއެރުންތަކުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ޑިޖިޓަލް މޯލްޑިވްސްއެއް ޤާއިމުކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތައް. ރާއްޖޭގެ ހުރިހާ ރަށަކަށް 4G+ ގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި ސަބްމެރިން ކޭބަލްގެ ސަބަބުންވަނީ ފަސޭހަކަމާއި އެކު ޑޭޓާ ބޭނުންކުރެވޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައި".

މިޖަލްސާގައި އުރީދޫ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ނަޖީބް ޚާން، 2017 ވަނަ އަހަރު ކުންފުނިން ކޮށްފައިވާ މުހިންމު ކަންތައްތަކާއި ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެއްވިއެވެ. މިގޮތުން ކުންފުނިން ވޭތުވެދިޔަ އަހަރުގެ މާލީ ނަތީޖާއާއި، ކޯޕަރޭޓް ރެސްޕޮންސިބިލިޓީގެ ދަށުން ކޮށްފައިވާ މަސައްކަތްތައް، ޙިއްސާގެ ބާޒާރުގައި ކުންފުނި ހިނގާފައިވާ ގޮތް، އަދި ކުންފުނީގެ މުވައްޒަފުން ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތައް ހިމެނެއެވެ. މި މަޢުލޫމާތުތައް ފޯރުކޮށްދެއްވަމުން ނަޖީބު ވިދާޅުވެފައިވަނީ "2017 ވަނަ އަހަރު ނިމިގެން ގޮސްފައިވަނީ އުރީދޫ މޯލްޑިވްސްގެ މާކެޓް ކެޕިޓަލައިޒޭޝަން 1.8 ބިލިއަނަށްވުރެ އިތުރުވެ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކޮށްފައިވާ އެންމެ ބޮޑު ކުންފުނީގެ ގޮތުގައި. ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 580 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ސާފު ފައިދާގެ މާޖިން ވަނީ 2017 ވަނަ އަހަރު %31 އިތުރުވެފައި. އަދި ވޭތުވެ ދިޔަ އަހަރާ އަޅާބަލާއިރު ކުންފުނިންވަނީ ގެ ކުރިއެރުމެއް ހޯދާފާއި".

ކުންފުނީގެ 2017 ވަނަ އަހަރުގެ މާލީ ނަތީޖާއަށް ބެލުމަށްފަހު، ޑިރެކްޓަރުން ހުށަހަޅުއްވާފައިވާ ގޮތުގެ މަތިން، ހިއްސާދާރުންވަނީ، ހިއްސާއަކަށް 3.20 ރުފިޔާ (އުރީދޫ މޯލްޑިވްސް ގްރޫޕުގެ ސާފު ފައިދާގެ %85) ޑިވިޑެންޑްގެ ގޮތުގައި ފާސްކޮށްފައެވެ.

ރޭ ގެ ޖަލްސާ އެޖެންޑާ ކުރެވިފައިވާ ގޮތުގެ މަތިން، ވޭތުވެ ދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، ވޭތުވެދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ފާސްކުރުމުގެ އިތުރުން، ޑިރެކްޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.

މިފުރުޞަތުގައި އުރީދޫގެ ހިއްސާދާރުންގެ ފަރާތުން ލިބޭ އެއްބާރުލުމާ އެހީތެރިކަމަށް ޝުކުރުދަންނަވައި، އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާނީ ހިއްސާދާރުންގެ ލާބަޔާއި މަންފާއަށްކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ.

މިއަދު އޮންލައިން