ކައިވެނި ކުރުމަށް ސޯނަމް ތައްޔާރުވެގެން ނިކުތް ވަގުތުން ފެށިގެން، ޒަވާޖީ ޙަޔާތެއް ފެށުމަށް ދޮށީދަރިފުޅު ތައްޔާރުވެފައިހުރި ޗާލުކަން ފެނިފައި އަނީލް ކަޕޫރުގެ ދެ ލޯ ފެންކަޅިވާން ފެށި ކަމަށާއި ކައިވެނީގެ ހުރިހާ ކަމެއް ނިމި ކައިވެނި ކުރެވުމުން ވަކިން ބޮޑަށް ރޯންފެށި ކަމަށް އާއިލާއާއި ގާތް މީހަކު މީޑިއާތަކަށް ވަނީ މައުލޫމާތު ދީފައެވެ. އަދި މިއަދަކީ އަނީލް ކަޕޫރުގެ ޙަޔާތުގައި، އޭނާ ބައްޕައަކަށްވުމަށްފަހު، އެންމެ ގިނައިން ރުއި ދުވަސް ކަމަށް ބުނި ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
ސޯނަމް އާއި އާނަންދު ކައިވެނި ކޮށްފައިވަނީ އާނަންދުގެ ބޮޑުދައިތަ ކަވީތާ އަހޫޖާއަށް މުމްބައިގާ ލިބިފައިވާ ބަންގަލޫރެއްގައެވެ.
ޖަރީކުރި ރަތް ކުލައިގެ ހެދުމެއްގައި ހުރި ސޯނަމް ކަޕޫރްގެ ކައިވެނީގެ ހެދުން ޑިޒައިން ކޮށްފައިވަނީ އަނުރާދާ ވާކިލް އެވެ.
ސޯނަމް ކަޕޫރާއި އާނަންދް އަހޫޖާގެ ކައިވެންޏަށް ހާޒިރުވި އާއިލާ މީހުންގެ ތެރޭގައި ބޯނީ ކަޕޫރާއި އޭނާގެ ތިން ދަރިން ކަމުގައިވާ އަރްޖުން ކަޕޫރް، ޖާންވީ ކަޕޫރް އަދި ޚުޝީ ކަޕޫރް ހިމެނެއެވެ. އޭގެ އިތުރުން ކަރީނާ ކަޕޫރް ޚާން އާއި ސައިފް އަލީ ޚާން އަދި އެދެމަފިރިންގެ ދަރިފުޅު ތައިމޫރް އަލީ ޚާން ގެ އިތުރުން ކަރިސްމާ ކަޕޫރް ވެސް ހިމެނެއެވެ. ގާތް ރަހުމަތްތެރިންގެ ތެރޭގައި ކަރަން ޖޯހަރް، ޖެކްލިން ފަރނަންޑިސް، ރާނީ މުކަރްޖީ ޗޯޕްރާ، އަދި ޖާވިދް އަޚްތަރު ވެސް ހިމެނެއެވެ.